އިންގްލިޝް ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ނިއުކާސްލްއިން ކާމިޔާބު ކޮށްފިއެވެ.
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. މިއީ ކަރަބާއޯ ކަޕްގެ ފައިނަލްގައި ލިވަޕޫލް ބަލިކޮށް އެމުބާރާތުގެ ޗެމްޕިއަންކަން ނިއުކާސްލް އިން ހޯދި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. 70 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޑޮމެސްޓިކް މުބާރާތެއް ކާމިޔާބު ކުރެވުނު ނިއުކާސްލްގެ ފަރާތުން އެންމެ މޮޅު ކުޅުމެއް ފެނިފައި ނުވި ނަމަވެސް އެޓީމުން ވަނީ ބްރެންޓްފަޑް ކައިރީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ނިއުކާސްލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވަޑް އެލެގްޒެންޑަ އިސާކްއެވެ.
މިއީ އޭނާ މިސީޒަންގައި ލީގުގައި ކާމިޔާބު ކޮށްދިން 20ވަނަ ލަނޑެވެ. މިމެޗުގައި ބްރެންޓްފަޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗުގެ 66ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ބްރަޔަން އެމްބެއުމޯއެވެ. މިލަނޑާއެކު މިމެޗު އެއްވަރު ވެގެން ނިމިދާނެކަަމަށް ބެލެވުނު ނަމަވެސް މެޗުގެ 74ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ސަންޑްރޯ ޓޮނާލީ ވަނީ ދެވަނަ ފަހަރަށް ނިއުކާސްލްއަށް މިމެޗުގައި ލީޑު ނަގައިދީފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޓޮނާލީ ހާމަކުރިގޮތުގައި އޭނާ ޖެހި ލަނޑުގެ 70 އިންސައްތައަކީ ހުރަހެއް ކަމަށާއި އޭނާ ގޯލަށް ޖެހުމުގެ ބައި ހިމެނިގެންދިޔައީ 30 އިންސައްތަކަމަށެވެ.
މިކާމިޔާބީ އާއެކު ނިއުކާސްލް މިހާރު 50 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. ނަމަވެސް އެޓީމު އެއް މެޗު މަދުން ކުޅެފައިވުމުން ތާވަލްގެ ހަތަރު ވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ފަހަތަށް ޖައްސާލާ ހަތަރު ވަނައަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތެވެ.
މިމެޗުން ބަލިވުމުން ބްރެންޓްފަޑް އުޅެނީ 41 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. މިމުބާރާތުގައި ތާވަލްގެ ހަތްވަނަ އަދި އަށްވަނައިގާ އުޅޭ އެސްޓަން ވިލާ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު ރަށުން ބޭރުގައި ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވިލާއިންނެވެ.
މިމެޗުގައި ވިލާއިން ކާމިޔާބު ކުރި ތިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާކަސް ރަޝްފަޑް، މާކޯ އަސެންސިއޯ އަދި ޑޮންޔެލް މާލެންއެވެ. މިއީ މާލެން ވިލާގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިކާމިޔާބީ އާއެކު ވިލާ ހަތް ވަނައިގާ އުޅެނީ 48 ޕޮއިންޓާއެކުއެވެ. އަދި ބްރައިޓަން އަށް ވަނައިގައި އޮތީ 47 ޕޮއިންޓާއެކުއެވެ.