ކަންކަން ލަސްވަނީ މިނިސްޓްރީއަށް ހުރިހާ ބާރެއް އޮންނާތީ: ނިޔާޒު

ހުޅުމާލެ ދައިރާގެ މެމްބަރު އަލީ ނިޔާޒު -- ފޮޓޯ/ މަޖިލިސް

ރަށްރަށުގެ ތަރައްގީގެ ޕްލޭންތައް ތަންފީޒު ނުކުރެވި ލަސްވަނީ ހުރިހާ ކަމަކަށް މިނިސްޓްރީން ހުއްދަ ހޯދަންޖެހޭތީ ކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ބިންތަކާ ބެހޭ ގާނޫނަށް ބަހުސްކުރައްވަމުން އަލީ ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 12 އަހަރުވެގެން ދިޔައިރުވެސް، ކަންކަން ނުވެ ހުރި އެންމެ ބޮޑު އެއް ސަބަބަކީ ބިމާ ބެހޭގޮތުން ދީފަ ހުރި ބާރުތައް ސަރުކާރުގެ މިނިސްޓްރީތަކުގައި ހިފަހައްޓާފައި ހުރުން ކަމަށެވެ.

ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނީ ކައުންސިލްތަކަށް އެ ބާރުވެރިކަން ދީގެން ކަމަށެވެ.

"ކުރީގަ އޮންނަ ގޮތުން ވެއްޖިއްޔާ ރާއްޖޭގެ ކޮންމެތަނެއްގަ ބިމެއް އޮތްނަމަވެސް ހަމައެކަނި އެ ބިމަކަށް ބަސް ބުނުމުގެ ބާރު ލިބިގެންވަނީ ކަމާބެހޭ މިނިސްޓްރީއަށް. އެއީ އެ އިރެއްގެ ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފަ އޮންނަ ވުޒާރާއެއް،" ގަފޫރު ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި، ބިމާބެހޭ ބާރުތައް ލިބޭ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ކައުންސިލްގެ އިދާރާތައްވެސް ހިމަނާފައިވުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ލާމަރުކަޒީ ގާނޫނުގަ ބުނެފަ ވާނެ، އިތުރު ތަންތަނުން ހުއްދަ ހޯދަންޖެހޭތީއޭ ކަންކަން ލަސްވެފަ ހުންނަނީ،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މީގެ ކުރިންވެސް ރަށްރަށުގެ ކައުންސިލުން އަހަރުތަކަށް ބަހާލައިގެން ބިމާ ބޭހޭގޮތުން މުއާމަލާތްކުރާނެ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ.

"އެހެންނަމަވެސް އެކަންކަން ތަންފީޒު ނުވެ ހުރީ މި ބާރުތައް އެ ދިމާލެއްގެ ހިފެހެއްޓިފަ ހުރީމަ. ރާއްޖޭގެ 178 ރަށުން ކޮންމެ ފަހަރަކު ހުއްދަ ހޯދުމަށް މިނިސްޓްރީއަކަށް ލައިގެން އޭގެ ޖަވާބު ލިބެންދެން ތިބެންޖެހޭ ތިބުމަކީ އެ ނަތީޖާ ނުނެރެވި އޮތް އެއް ސަބަބުން،" ނިޔާޒު ވިދާޅުވިއެވެ.

އެހެންކަމުން ކައުންސިލްތަކަށް ދައުލަތުގެ އާމްދަނީއިން ފަސް ޕަސެންޓު ލިބޭގޮތަށް މާލިއްޔަތު ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް، ބިމުން ނަފާ ހޯދާނެ ގޮތްވެސް ކައުންސިލްތަކަށް ފަހިކޮށްދީ، ބިމުގެ ބާރުވެރިކަން ކައުންސިލްތަކަށް ދޭންޖެހޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް