އިންފޮމޭޝަން ކޮމިޝަނަރުކަމަށް އާހިދުގެ ނަން ފޮނުވަން ކޮމިޓީން ފާސްކޮށްފި

އޮކްޓޫބަރ 21، 2020: މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމަށް އަލްއުސްތާޒު އަހުމަދު އާހިދު ރަޝީދުގެ ނަން މަޖިލީހަށް ފޮނުވުމަށް މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްލަ ހަތަރު ނަމެއް ފޮނުވާފައެވެ.

އޭގެތެރޭގައި ހިމެނެނީ ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ އަލްއުސްތާޒް ޝިހާމް މުހައްމަދާއި، އަލްއުސްތާޒް އަހްމަދު އާހިދު ރަޝީދު، ހ. ގުރުވަ އާއި، އަޒްލީމާ އަހްމަދު، ދަފްތަރު އަދި މަރިޔަމް އަލީމް، ގ. ދާސްތާނުއެވެ.

އެ ނަންތައް ދިރާސާކުރުމަށް މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

https://sun.mv/155535

މިއަދު އޮތް މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ވަނީ އެ ނަންތައް ދިރާސާކޮށް، ނަން މަޖިލީހަށް ފޮނުވުމަށް ރުހުން ހޯދަން ވޯޓަށް އަހާފައެވެ.

ކޮމިޓީގައި ބައިވެރިވީ 10 މެންބަރުންގެ އަގުލަބިއްޔަރުތުން ފާސްވީ އާހިދު ރަޝީދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. ދެން ތިބި ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވޭ ވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.

ވޯޓުގެ ތަފްސީލު:

  • ޝިހާމް މުހައްމަދު ވަހީދު: 10 މެންބަރުންގެ ތެރެއިން ލިބުނީ 6 ވޯޓު.
  • އަލްއުސްތާޒް އަހްމަދު އާހިދު ރަޝީދު: 10 މެންބަރުންގެ އިއްތިފާގު.
  • އަޒްލީމާ އަހްމަދު، ދަފްތަރު: 10 މެންބަރުންގެ ތެރެއިން ލިބުނީ 7 ވޯޓު.
  • މަރިޔަމް އަލީމް: 8 މެންބަރުންގެ ތެރެއިން ލިބުނީ 5 ވޯޓު.

މީގެ ކުރިންވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރޭގައި އަހުމަދު އާހިދު، މުހައްމަދު ޝިހާމް އަދި މަރިޔަމް އަލީމް ހިމެނެއެވެ. އެފަހަރު އެ ތިން ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

ނަމަވެސް އެއިން އެއްވެސް ބޭފުޅަކު މަގާމަށް އައްޔަނު ކުރަން މަޖިލީހުން ރުހުންދީފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމު ހުސްވީ، އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފިޔާޒް އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުއެވެ

comment ކޮމެންޓް