އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހަތަރު ބޭފުޅެއްގެ ނަން

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމަށް ހަތަރު ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިއަދުގެ އެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ހަތަރު ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ އަލްއުސްތާޒް ޝިހާމް މުހައްމަދު ވަހީދެވެ. އެ ލިސްޓުގައި ދެން ހިމެނެނީ

  • އަލްއުސްތާޒް އަހްމަދު އާހިދު ރަޝީދު، ހ. ގުރުވަ،
  • އަޒްލީމާ އަހްމަދު، ދަފްތަރު ރ.ސ. 341/94،
  • މަރިޔަމް އަލީމް/ ގ.ދާސްތާނު އެވެ.

އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

މީގެ ކުރިންވެސް އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރޭގައި އަހުމަދު އާހިދު، މުހައްމަދު ޝިހާމް އަދި މަރިޔަމް އަލީމް ހިމެނެއެވެ. އެފަހަރު އެ ތިން ބޭފުޅުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.

ނަމަވެސް އެއިން އެއްވެސް ބޭފުޅަކު މަގާމަށް އައްޔަނު ކުރަން މަޖިލީހުން ރުހުންދީފައެއް ނުވެއެވެ. މިފަހަރުވެސް އެ ތިން ބޭފުޅުންގެ ނަން ހިމެނެއެވެ. އާ ނަމަކަށް މަޖިލީހަށް ފޮނުވާފައިވަނީ އަޒްލީމާ އަހުމަދުގެ ނަން އެކަންޏެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމު ހުސްވީ، އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފިޔާޒް އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 35 އަހަރު ފުރިފައިވާ ފަރާތަކަށް ވާން ޖެހެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

އެ ފަރާތަކީ ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތައް ބުނެއެވެ.

comment ކޮމެންޓް