ލެސްޓާ އަތުން ވެސްޓް ހެމްއަށް ބޮޑު މޮޅެއް

ލެސްޓާ ކޮޅަށް ލަނޑު ޖެހުމަށްފަހު ވެސްޓް ހާމްގެ ފޯވާޑް އެންޓޯނިއޯ އުފާ ފާޅު ކުރަނީ--- ފޮޓޯ: ގެޓީއިމޭޖެސް

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީގެ މައްޗަށް 4-1 ވެސްޓް ހެމް ކުރި ހޯދައިފިއެވެ.

ވެސްޓް ހެމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ފޯވާޑް އެންޓޯނިއޯ، ސައީދް ބެންރަހްމާ އަދި ޕަބްލޯ ފޮނާލްސްއެވެ.

މެޗުގެ ފުރަތަމަ ލަނޑު 26 ވަނަ މިނިޓުގައި ވެސްޓް ހެމްއަށް ޖަހައިދިނީ މިޑްފީލްޑަރު ޕަބްލޯ ފޯނާލްސްއެވެ.

މެޗުގެ 40 ވަނަ މިނިޓުގައި ލެސްޓާގެ ފޯވާޑް އަޔޯޒީ ޕެރޭޒް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދެއްކުމާއެކު މެޗުގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ.

މެޗުގެ 56 ވަނަ މިނިޓުގައި ވެސްޓް ހެމްއިން ލީޑު ފުޅާ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސައީދް ބެންރަހްމާއެވެ. މިލަނޑަކީ އެންޓޯނިއޯ ދިން ބޯޅައަކުން ޖެހި ލަނޑެކެވެ.

ލެސްޓާއިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ މެޗުގެ 69 ވަނަ މިނިޓުގައެވެ. މިލަނޑު ޖަހައިދިނީ ބެލްޖިއަމް މިޑްފިލްޑަރު ޔޫރީ ޓީލަމަންސްއެވެ.

މެޗުގެ 80 ވަނަ މިނިޓުގައި ވެސްޓް ހެމްއިން ތިން ވަނަ ލަނޑު ޖެހިއެވެ. މިލަނޑު ޖެހީ ފޯވާޑް އެންޓޯނިއޯއެވެ. ހަތަރު މިނެޓު ފަހުން އެންޓޯނިއޯ ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 4-1 ބަދަލުކޮށްލާފައެވެ.

ރޭގެ މެޗުން ލިބުނު މޮޅާއެކު ވެސްޓް ހެމް ވަނީ އެޓީމު ކުޅުން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދައި ލީގުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ.

ލެސްޓާ އޮތީ ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ 12 ވަނަ މަގާމުގައެވެ.

comment ކޮމެންޓް