ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން، އިތުރު ޑޯޒްއެއް ޖަހަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް "ސަން"އަށް ވިދާޅުވި ގޮތުގައި ސިނޮފާމް ވެކްސިންގެ އިތުރު ޑޯޒްއެއް ޖަހަން ޖެހެނީ އޭގެއިން ކޮވިޑުން ރައްކާތެރިކޮށްދޭ މިންވަރު އެހެން ވެކްސިންތަކަށް ވުރެ ދަށްވުމުންނެވެ.
"ޗައިނާ ވެކްސިންގަ އިތުރު ބޫސްޓާ ޑޯޒް ޖަހަން ޖެހޭ އޭގެ އެފިކެސީ ދަށް ވީމަ. އޭގެ ބާރު ދަށީ އެހެން ވެކްސިންތަކަށް ވުރެ،" ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުބާއީ ފަދަ ބައެއް ސަރަހައްދުތަކުގައި ސިނޮފާމް ޖަހާފައިވާ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަން ނަސީމް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއިން އެގޮތަށް އަމަލު ކުރުމަށް ނިންމާނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިނޮފާމް ވެކްސިންއިން ކޮވިޑުން ދިފާއުކޮށްދޭ މިންވަރު 79 ޕަސެންޓުގައި އުޅޭ އިރު އެސްޓްރާޒެނެކާގެ ވެކްސިން އާއި އޭގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާއިން ތައްޔާރު ކުރާ ކޮވިޝީލްޑްއިން ކޮވިޑުން ރައްކާތެރިކޮށްދޭ މިންވަރު 70 ޕަސެންޓާ 90 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އަރާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި ފައިޒާ ވެކްސިންއިން ކޮވިޑުން ދިފާއުކޮށްދޭ މިންވަރު 95 ޕަސެންޓަށް އަރައެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ ރާއްޖެއިން ދުނިޔެ ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑުން ދިފާއު ވުމަށްޓަކައި، މާސްކު އެޅުން ދޫކޮށްނުލުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.