އަދިވެސް ކުރާ އިލްތިމާސަކީ މާސްކު އެޅުން ދޫކޮށްނުލުން: ނަސީމް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް -- ފޮޓޯ/ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން އަދިވެސް ކުރާނެ އެންމެ ބޮޑު އެއް އިލްތިމާސަކީ މާސްކު އެޅުން ދޫކޮށްނުލުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ކުރައްވަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު "ސަން"އަށް ވިދާޅުވީ އަދިވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބަލި ފެތުރެމުން އަންނަ ކަމަށެވެ.

"އަދިވެސް މާލެ ސަރަހައްދުގައިވެސް އެހެން ހިސާބުތަކުގައިވެސް ބަލި އަންނަނީ ފެތުރެމުން. އެއްވެސް އިރަކު އަޅުގަނޑުމެން ނުދަންނަވާނަން. މާސްކު އެޅުން ދޫކޮށްލުމަކަށް. އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ބޭފުޅުންވެސް މާސްކު އެޅުން، އެއީ ވަރަށް ބޮޑު ޕްރޮޓެކްޝަނެއް ލިބޭ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު މާސްކު ނާޅާ އުޅޭ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ކުރާނެކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންކަމެއްތޯ އެއީ. މާސްކު އަޅަލައިގެން އުޅުމަކީ. އެއްވެސް އުނދަގުލެއް ނުވާނެ އެއްނޫންތޯ، އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އިލްތިމާސް. އަޅުގަނޑުމެން ހުއްދައެއް ނުކުރަން މާސްކު ނާޅާ ރާއްޖޭގެ އެއްވެސް ހިސާބެއްގައި އުޅޭކަށް. ވެކްސިން ޖެހި ކަމުގައިވީނަމަވެސް މާސްކު އަޅުއްވާ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ބަލިން އަރައިގަތުމަށްޓަކައި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ވެކްސިން ޖެހުމުގެ މަސައްކަތްކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ ވީހާވެސް ގިނަ ބަޔަކު ވެކްސިން ފުރިހަމަ ކުރުން މީގެ ހައްލަކީ ވެކްސިން ޖެހުން،" މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއަދާ ހަމައަށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވަނީ ސިއްހީ މާހިރުންނާއި، ސަރުކާރާއި އާންމު ރައްޔިތުންގެ އެއްބާރުލުމާއި މަސައްކަތުގެ ސަބަބުންކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ރައްޔިތުން އެއްބާރުލުން ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް