އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހެނީ ބޭސް ފޯރުކޮށްދޭން، އުއްމީދަކީ ބޭސް ކުންފުންޏާއެކު މައްސަލަ ހައްލުވުން: ގީލާ

ހެލްތު މިނިސްޓަރު ގީލާ އަލީ: އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހެނީ ބޭސް ފޯރުކޮށްދޭން ކަމަށް ގީލާ ވިދާޅުވި --- ފޮޓޯ: ހެލްތު މިނިސްޓްރީ

ސިއްހީ ޚިދުމަތުގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައްޔިތުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ބޭސް އެތެރެކުރާ ފަރާތްތަކަށް މިއީ ވިޔަފާރިއެއްގެ ގޮތުގައި ކުރަން ދަތި ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުން އުފައްދާފައިވާ އާ ބޭސް ކުންފުނީގެ އެހީގައި މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު އުއްމީދުކުރައްވައެވެ. އަދި އާސަންދަ މެދުވެރިކޮށް ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

  • ރާއްޖެއަށް ބޭނުންވާ ބޭހުގެ 30 އިންސައްތަ އެސްޓީއޯއިން ފޯރުކޮށްދޭއިރު، 70 އިންސައްތަ ފޯރުކޮށްދެނީ އަމިއްލަ ކުންފުނިތަކުންނެވެ.
  • ރާއްޖެއަށް ބޭސް ބޭނުންވާ މިންވަރު މަދުވުމުގެ ސަބަބުން، ގިނަ ކުންފުނިތަކަކަށް މި ވިޔަފާރި ކުރުމަކީ ދަތި ކަމެކެވެ.
  • ބޭހުގެ އަގު ކޮންޓްރޯލްކޮށް، އާސަންދަ މެދުވެރިކޮށް އަގުތައް ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
  • ސަރުކާރުން އުފެއްދި އާ ބޭސް ކުންފުނިން ފުރަތަމަ ޝިޕްމަންޓް އެތެރެކޮށްފައިވާއިރު، އުއްމީދަކީ ކުންފުނީގެ ގާބިލުކަން އިތުރުވުމެވެ.

ސިއްޚީ ޚިދުމަތުގައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހިފައިވާ އެއް ދާއިރާއަކީ ރައްޔިތުން ތަހައްމަލްކުރަމުންދާ ބަލިތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން ކަމަށާއި، އުއްމީދަކީ ބޭސް ކުންފުނީގެ އެހީގައި މައްސަލަ ހައްލުކުރުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭހުގެ 30 އިންސައްތަ ބޭސް ފޯރުކޮށްދެމުންދަނީ ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ކަމަށާއި އަނެއް 70 އިންސައްތަ ބޭސް ފޯރުކޮށްދެމުންދަނީ ޕްރައިވެޓް ސެކްޓާއިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށާއި ބޭސް ވިއްކާ ފަރާތްތަކަށް ވިޔަފާރިއެއްގެ ގޮތުގައި ކުޑަ މިންވަރަކަށް ރާއްޖެއަށް ބޭސް ފޯރުކޮށްދިނުމަކީ ދަތި ކަމެއް ކަމަށެވެ. އެހެންވެ، އެއް ބޭހެއް ރާއްޖެއަށް ތިން ހަތަރު ވިޔަފާރިއަކުން ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއް ބަޔަކު އެކަމުގެ ތެރޭގައި އުޅެގެން ނޫނީ ބޭނުންވާ އަދަދަށް ބޭސް ރާއްޖޭގައި ލިބޭ ގޮތް ނުހެދޭނެ ކަމަަށް ގީލާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ ބޭހުގެ ކަންކަން ހައްލުކުރުމަށް ސިއްހީ ދާއިރާއިން ތަފާތު އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިއަދުވެސް ބޭސް ލިބުމަކީ ދަތިވެފައި އޮތް ކަމެއްކަމަށެވެ.

"ބޭސް އުފައްދާ ފަރާތްތަކުން އޭގެ ނަފާ އެންމެ ރަނގަޅަށް ލިބޭ ގޮތަށް ބޭސް ވިއްކަމުންދާނީ. އެއީ ހުރިހާ އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތެއް،" ގީލާ ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ސަރުކާރުގެ ބޭސް ކުންފުނީން ފުރަތަމަ ޝިޕްމެންޓްތަކެއްގެ ގޮތުގައި މިހާރު ކޮންމެ ވެސް ވަރަކަށް ބޭސް އެތެރެކޮށްފައިވާ ކަމަށެވެ. ނަަމަވެސް އެސްޓީއޯއިން ވެސް އަދިވެސް ބޭސް އެތެރެކުރާ ކަމަށާއި ބޭސް އެތެރެކުރާ ފަރާތް ބަދަލުވެއްޖެ ނަމަ ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް އެކުއެކީގައި މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގީލާ ވިދާޅުވީ ބޭހަކީ ވަކި ބަޔަކު ރަޖިސްޓްރީކޮށް، އެބައެއްގެ ހައްގެއްގެ ގޮތުގައި ސަޕްލަޔަރުނާއެކު އެއްބަސްވުން ހަދައިގެން ރާއްޖެއަށް ދޫކުރާ ނުވަތަ ވިއްކާ އެއްޗެއް ކަމަށެވެ. އެހެންކަމުން އިތުރު ފަރާތަކާ ސަޕްލަޔަރުންނާ ދެމެދުވެސް އެއްބަސްވުންތަކެއް ހަދައިގެން ނޫނީ ރާއްޖެއަށް ބޭސް އެތެރެކުރުމަކީ ދަތިކަމެއް ކަމަށް އެނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކާ އެކުގައި ސްޓޭޓް ފާމާ ކޮންޕެނީއިން އެބަ މަސައްކަތްތަކެއް އެބަ ކުރަމުންގެންދޭ... ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް ނޫނީ ބޭހުގެ އަގު، އޭގެ ޕްރޮފިޓް މާޖިން ވަރަށް ބޮޑަށް މަތިކޮށް ބޭސް ވިއްކުން ހުއްޓުވުމަށްޓަކައި އާސަންދައިން މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އޭގެ މިނިމަލް ރީޓެއިލް ޕްރައިސް ކަނޑައަޅާ އޭގެ އަގު ކޮންޓްރޯލް ކުރުމަށް ޓަކައި. ހެލްތު މިނިސްޓަރު ގީލާ އަލީ

ގީލާ ވިދާޅުވީ، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށާއި ނަަމަވެސް އުއްމީދަކީ ސަރުކާރުގެ ބޭސް ކުންފުނީގެ ގާބިލްކަން އިތުރުވެ، ރާއްޖެއަށް ބޭނުންވާ ބޭސް ބޭނުންވާ މިންވަރަށް އެތެރެކުރެވުން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީވެސް އެ މަގުސަދު ހާސިލްކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ބައެއް އާއްމު ބަލިތަކަށް ބޭސް ނުލިބޭ މައްސަލައަކީ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ މައްސަލައެކެވެ. ދޭތެރެއަކުން ބޭސް ހުސްވެ، ނުލިބޭ ކަމުގެ ޝަކުވާ ފެންމަތިވެއެވެ.

ކަން އެހެން އޮއްވައި ބޭހަށް ޚާއްސަ ކުންފުނި އުފެއްދި ފަހުން ވެސް އެ މައްސަލަތައް ދިމާވާކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރެއެވެ. އެ ކުންފުނިން ބޭސް އެތެރެކުރަން ފެށި ކަމަށް ބުނެފައިވަނީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ މަހުގެ ތެރޭގައެވެ.

comment ކޮމެންޓް