ދުނިޔެ ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ވަރަށް އަވަހަށް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ވެކްސިން ޕާސްޕޯޓާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ވެކްސިން ޕާސްޕޯޓް ނެރުމުގެ ކަންކަން ވަރަށް އަވަހަށް ހަަމަޖެހިގެންދާނެކަމަށެވެ.
"އަޅުގަނޑުމެން ބަލަންޖެހޭ ބައެއް ކަންކަން އަދި އެބަހުރި. އިރާދަކުރެއްވިއްޔާ އެ ބަލަންޖެހޭ ކަންކަމަށް ބަލާފައި، އަޅުގަނޑުމެން ވަރަށް އަވަހަށް މި ޕާސްޕޯޓް ނެރޭނަން،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވެކްސިން ޕާސްޕޯޓަކީ ބޭރުގެ ގައުމުތަކުންވެސް ބަލައިގަންނަ އެއްޗެއްގެ ގޮތުގައި ވެގެންދާނެކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ އެއްޗެއްގެ ގޮތުގައި އެ ޕާސްޕޯޓު ހެދުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިން ޖަހާ މީހުންނަށް ދޫކުރަމުން އަންނަ "ކޮވިޑް-19 ދިފާއު" ކާޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގައި މިހާރު ވެކްސިން ޖަހާ މީހުންނަށް ދޫކުރަމުން އަންނަނީ "ކޮވިޑް-19 ދިފާއު" ގެ ނަމުގައި ދޫކުރާ ކާޑެކެވެ. ނަމަވެސް މި ކާޑުގެ އެއްވެސް ތަނެއްގައި ކާޑު ދޫކުރީ ރާއްޖެއިންކަން އެނގޭކަށް ނޯވެއެވެ.
އެހެންކަމުން ބޭރުގެ ގައުމުތަކުން ކާޑު ބަލައިގަތުމަށް ބޮޑެތި ދަތިތަކެއް ދިމާވަމުން އަންނަކަމުގެ ޝަކުވާ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީން އަންނަނީ ކުރަމުންނެވެ. އަދި އެގޮތަށް ކަންތައް ވުމުގެ ސަބަބުން އަމިއްލަ ޖީބުން ހަރަދުކޮށްގެން ޕީސީއާރު ޓެސްޓު ހަދަން ޖެހޭކަމަށްވެސް އެމީހުން ފާހަގަކުރެއެވެ.
ނަމަވެސް އަލަށް ތާއާރަފްކުރުމަށް ނިންމާފައިވާ ވެކްސިން ޕާސްޕޯޓާއެކު މިކަމަށް ހައްލެއް ލިބިގެންދާނެކަމަށް ގިނަ ބަޔަކު އަންނަނީ އުންމީދުކުރަމުންނެވެ.