1،800 ސޮޔާއެކު ހުޅުމާލެ ރައްޔިތުންގެ ޕެޓިޝަނެއް ސިޓީ ކައުންސިލަށް

އޯގަސްޓު 22، 2021: ހުޅުމާލެ ރައްޔިތުންނާއެއްކޮށް މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން ޕެޓިޝަން ހުށަހަޅަނީ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ހުޅުމާލޭގައި ދެމުންގެންދާ އާންމު މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ގެންދިޔުމަށް ގޮވާލާ 1،800 ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަން ސިޓީ ކައުންސިލަށް ހުށަހަޅާފައިވަނީ ރޭ ހުޅުމާލެ ރައްޔިތުންނާއެއްކޮށް ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. ޕެޓިޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު "ސަން"އަށް ވިދާޅުވީ އެ ޕެޓިޝަނާއެކު ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހިއްސާކޮށްފައިވާކަމަށެވެ.

"ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ހުޅުމާލޭގެ އާންމު މުނިސިޕަލްޓީ ހިދުމަތްތައް ވިޔަފާރި ކުންފުންޏެއްގެ ދަށުގައި އޮތުން. އެޗްޑީސީގެ ކިބައިން ކައުންސިލްގެ މުނިސިޕަލްޓީ ހިދުމަތްތައް އެބަޖެހޭ ވަކި ކުރަން. އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް އޮންނަންޖެހޭ ހައްގެއް،" ޝުޖާއު ވިދާޅުވިއެވެ.

އެ ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ހުޅުމާލޭގެ މުނިސިޕަލްޓީ ހިދުމަތްތައް ކައުންސިލްގެ ދަށަށް ގެންދިޔުމަށެވެ. އަދި ހިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ ގޮތެއް ހަމަޖައްސައިދިނުމަށެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުން ކައުންސިލަށް ހުޅުމާލޭގައި ހިދުމަތް ދިނުމުގެ ބާރުތައް ބަދަލުކޮށްދިނުމަށެވެ.

ޝުޖާއު ވިދާޅުވީ އެޗްޑީސީގެ ދަށުގައި ކައުންސިލަށް ލިބެންޖެހޭ އާންމު ގިނަ ހިދުމަތްތަކެއް ހުރުމުން ކައުންސިލަށް ދަތިތަކާ ކުރިމަތިވާކަމަށެވެ. އަދި ހިދުމަތް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުންވެސް ލިބެމުން އަންނަކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ލާމަރުކަޒީކޮށް ކަންކަން ކުރުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ ސަރުކާރެއް ކަމަށެވެ. ނަމަވެސް އެކަމުގައި މާލެ ސިޓީ ކައުންސިލާ ދޭތެރޭ ވަރަށް ބޮޑު ތަފާތުކުރުންތަކެއް ގެންގުޅެމުން އަންނަކަމަށެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަރަށް ސާފުކޮށް އެބަ ބުނޭ ކަންކަން ކުރަންޖެހޭ ގޮތް. ގަވާއިދެއް ގާނޫނެއް އޮވޭ. މިއަދު އަޅުގަނޑުމެން ހިތާމަކުރަނީ ޕީޕީއެމަށް ކައުންސިލްގެ މެޖޯރިޓީ ލިބުނީމާ އެ ބާރުތައް ނުދޭން އުޅޭތީ،" ޝުޖާއު ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ކަންކަން ހިންގުމުގައި މާލޭ ސިޓީ ކައުންސިލަށް ދަތިކުރުމުގެ ކަންކަން ކުރިމަތިކުރުވަމުން އަންނަކަމުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލުގެ ގިނަ ކައުންސިލަރުންތަކެއް އަންނަނީ ކުރަމުންނެވެ.

https://sun.mv/155724

އެގޮތުން މި ސަރުކާރުން ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް އެއްބާރުލުން ނުދޭތީ އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން ލަދުވެތިވާކަމަށް ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރުވެސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް