މި ސަރުކާރުން ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް އެއްބާރުލުން ނުދޭތީ އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން ލަދުވެތިވާ ކަމުގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ލާމަރުކަޒީ ގަނޫނު ތަމްފީޒު ކުރަން އެކަށީގެންވާ ގޮތެއްގައި ފުރުސަތު ނުދޭ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައި ޒަމީރު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭނަމަ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ހުރަސް ތަކެއް ކުރިމަތިވާނެ ކަމަށެވެ.
ޒަމީރު "ސަން"އަށް ވިދާޅުވީ ސިޓީ ކައުންސިލްގައި އެމްޑީޕީގެ މައިނޯރިޓީ އޮވެފައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ނަމަވެސް ހުރިހާ ކައުންސިލަރުންވެސް މަސައްކަތް ކުރަމުން އަންނަނީ ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑުގެ ހާލަތު ރަނގަޅު ވަމުން އަންނާތީ ހުރިހާ ކައުންސިލަރުންވެސް ވަރަށް އަވަދިނެތި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ގާނޫނޫ ތަމްފީޒު ކުރުމަށާއި އަދި ރައްޔިތުންނަށް ދެވެން އޮތް ހުރިހާ ޚިދުމަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ކަމަށެވެ.
މިއީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރަން ސަރުކާރުން ހުރަސްއެޅި ކަމަށް ފާޅުގައި ވަކާލާތު ކުރެއްވި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ފުރަތަމަ ކައުންސިލަރެވެ.
ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ހިއްސާއެއް ނުކުރެއެވެ. އެކަމާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން ޒަމީރު ވިދާޅުވީ މިވަގުތަށް ދެންނެވެންހުރި ވާހަކަ ޓްވީޓު ކުރައްވާފައި އެވަނީ ކަމަށެވެ.