ބްލޮކް ވެރިން ހޮވާ އިންތިހާބު އޮކްޓޯބަރު 30ގައި

ބްލޮކްވެރިން ހޮވުން އޮކްޓޯބަރ 30 ގައި ބާއްވަން ސިޓީ ކައުންސިލުން ހަމަޖައްސައިފި ---

މާލެ ސިޓީގެ ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެރިއަކު ކަނޑައަޅައި ސިޓީ ކައުންސިލްއާއެކު މަސައްކަތްކުރުމަށް، ބްލޮކް ވެރިން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އޮކްޓޫބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ބްލޮކް ވެރިންގެ އިންތިހާބް އަންނަ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށްޓަކައި މިހާރުވަނީ މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ، އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ ގޮތަށް ފުރުސަތު ދީފައެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތި ލުމުގެ ޝަރުތު ތަކުގެތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި، ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއްކަމަށްވުމާއި، ވައްކަން، ޓެކުން، ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުންވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައި ނުވުމާ، އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދު ކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގު މަރުހަލާގައި ތަހުގީގު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒުކުރެވުނުތާ 3 އަހަރުވެފައިވުމާ، އިންތިހާބްކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާ، މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.

ބްލޮކް ވެރިޔާގެ މަސްއޫލުލިއްޔަތުތަކުގެ ތެރޭގައި ބުލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުން ހިމެނެއެވެ. އަދި ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި، ހައްލުކުރަން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅުންވެސް ހިމެނެއެވެ.

އަދި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާއި ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަރައްގީއާއި ކުރިއެރުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްކުރުން ހިމެނެއެވެ. ކައުންސިލުން ކުރިއަށްގެންދަން ބޭނުންވާ ހިޔާލު ހޯދުމުގެ ސާވޭތައް ކުރުމުގައި އިސްވެ އެފަދަ ކަންކަމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށް ދިނުންވެސް އެއީ ބްލޮކް ވެރިޔާގެ ޒިންމާތަކުގެ ތެރެއިން ޒިންމާއެކެވެ.

މީގެ އިތުރުން ބުލޮކުގައި ދިރިއުޅޭ ރައްޔިތުންގެ ލާބައާއި މަންފާއަށް މޭޔަރާއި ކައުންސިލަރުން އެދޭ ކަންކަމުގައި އެހީތެރިވެދިނުމާއި، ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ބްލޮކް ވެރިޔާކަމަށް އެދޭ ފޯމާއި، މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީ ހިމެނެއެވެ.

މީގެ އިތުރުން ކުރިމަތިލާ ބްލޮކަށް ނިސްބަތްވާ 10 މީހަކު ސޮއިކޮށްފައިވާ ލިޔުންވެސް ހުށަހަޅަން ޖެހެއެވެ.

ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަންނަން ފަށާފައިވަނީ މި އޮގަސްޓް މަހުގެ 12 ވަނަ ދުވަހު 10:00 ގައެވެ. އަންނަ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ 14:00 އާ ހަމަޔަށް ފޯމު ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ބްލޮކް ވެރިން އައްޔަން ކުރުމުގެ އިންތިހާބްގައި ވޯޓް ފޮށިތައް ބަހައްޓާނީ މާލެ ސަރަހައްދުގައި ހުޅުމާލެއާއި ވިލިމާލެ ހިމެނޭ ގޮތަށް ހުރިހާ އަވަށެއްގައެވެ.

comment ކޮމެންޓް