ޕާލަމެންޓްގެ ރުހުމާއެކު މެލޭޝިއާގެ އާ ބޮޑުވަޒީރަކަށް އިސްމާއީލް ސަބްރީ

މެލޭޝިއާގެ އައު ބޮޑުވަޒީރަކަށް އައްޔަން ކުރުމަށް ހަމަޖެހިފައިވާ އިސްމާއީލް ސަބްރީ ބިން ޔައުގޫބު

ކުއާލަލަމްޕޫރު (އޮގަސްޓް 20): މެލޭޝިއާގެ އާ ބޮޑުވަޒީރަކަށް ވާނީ މިދިޔަ ހަފްތާގައި ރޫޅިގެންދިޔަ މެލޭޝިއާގެ "އަމްނޯ" ކޯލިޝަނަށް ނިސްބަތްވާ އިސްމާއީލް ސަބްރީ ބިން ޔައުގޫބު ކަމަށް މެލޭޝިއާގެ ޕާލަމެންޓް މެންބަރުންނާ ހަވަލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާ ގޮތުންނަމަ ސަބްރީ މިހާރު ދަނީ އޭނާގެ ސަރުކާރު އެކުލަވާލުމުގެ މަސައްކަތްވަނީ ނިންމުމުގައި ހަރަކާތްތެރިވަމުންނެވެ.

މި ރިޕޯޓްތައް ބުނާގޮތުން ސިޔާސީ ދެބަސްވުންތަކެއްގައި "އަމްނޯ" ގެ ކޯލިޝަން ރޫޅި އެ ކޯލިޝަނަށް ނިސްބަތްވާ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މިދިޔަ ހޯމަދުވަހު މަގާމުން އިސްތިއުފާ ދެއްވާފައިވީނަމަވެސް މިހާރު އެ ދެބަސްވުންތައް ނައްތާލައި ބޮޑުވަޒީރަކަށް އިސްމާއީލް ސަބްރީ ބިން ޔައުގޫބު ގެނައުމަށް ނިންމައި އެކަމަށްޓަކައި ޕާލަމެންޓްގައި ވަނީ ވޯޓުދީފައެވެ.

މެލޭޝިއާގެ ރަސްގެފާނު އަބްދުﷲ ރިއާޔަތުއްދީން އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އުމުރުފުޅުން 61 އަހަރުގެ ސަބްރީ ބިން ޔައުގޫބް އާ ހަވާލުކުރެއްވީ އޭނާ ބޮޑުވަޒީރުކަމަށް އައްޔަންކުރުމަށް މެލޭޝިއާގެ ޕާލަމެންޓުގައި ނެގި ވޯޓެއްގެ އަގުލަބިއްޔަތުން ރުހުން ލިބުމާ ގުޅިގެންނެވެ.

މިވޯޓާއެކު މެލޭޝިއާގެ ޕާލަމެންޓްގެ ވަރަށް ހަނި އަގުލަބިއްޔަތެއް މިހާރު އޮތީ 2018 ގެ އިންތިހާބުގައި ނާކާމިޔާބުވެގެން ވެރިކަން ގެއްލުނު ޕާޓީކަމަށްވާ "ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން" (އަމްނޯ) ހިމަނައިގެން މިދިޔަ އަހަރު އެކުލަވާލި ކޯލިޝަނަށްކަން އަލުންވަނީ ހާމަވެފައެވެ.

ދެ އަހަރު ކުރިން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި މަހާތީރު ބިން މުހައްމަދު އިސްތިއުފާ ދެއްވަން މަޖްބޫރުކުރި ކޯލިޝަނުގެ ދަށުން މުހްޔިއްދީން ޔާސީން ބޮޑު ވަޒީރުކަމަށް ވަޑައިގަތީ 2020 ވަނަ އަހަރު ގެ މާޗްމަހުއެވެ. މުހްޔިއްދީން އިސްތިއުފާ ދެއްވީ މިދިޔަ ހަފްތާގައެވެ.

ނަމަވެސް މިއަހަރުގެ މެދެއްހާ ހިސާބުގައި "އަމްނޯ" ކޯލިޝަންގައި ހިމެނޭ ޕާލަމެންޓްގެ 11 މެންބަރަކު ކޯލިޝަންއާ ހިޔާލު ތަފާތުވެ މުހްޔިއްދީނަށް ތާއީދުކުރުމަށް ދެކޮޅު ހެދުމުން ޕާލަމެންޓްގެ އަގުލަބިއްޔަތު މުހްޔިއްދީން އަށް ގެއްލުނެވެ. ނަތީޖާއަކަށްވީ މަޖްބޫރުވެގެން މިދިޔަ ހޯމަ ދުވަހު މުހްޔިއްދީން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމެވެ.

މިދިޔަ ހޯމަދުވަހު މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މުހްޔިއްދީން ޔާސީން

"އަމްނޯ" ކޯލިޝަންއާ ދެބަސްވި 11 މެންބަރުން މުހްޔިއްދީން އިސްތިއުފާ އާއެކު އަލުން ކޯލިޝަނަށް ރުޖޫއަވެ މުހްޔިއްދީން ގެ ނައިބެއްގެ ގޮތުގައި ހުންނެވި އިސްމާއީލް ސަބްރީ ބިން ޔައުގޫބު ބޮޑުވަޒީރުކަމަށް ގެނައުމަށްވަނީ ތާއީދުކޮށްފައެވެ. މިއާއެކު ބޮޑުވަޒީރަކަށް އިސްމާއީލް ސަބްރީ ބިން ޔައުގޫބު ގެނައުމަށް މެލޭޝިއާގެ ޕާލަމެންޓުގެ އަގުލަބިއްޔަތުންވަނީ ތާއީދުކޮށްފައެވެ.

"އަމްނޯ" ކޯލިޝަންގައި އުފެދުނު ދެބަސްވުންތައް ހައްލުކޮށް އަލުން އެކޯލިޝަން ކުރީގެ ހާލަތަށް އައުމުން މެލޭޝިއާގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިހާރު ހުންނެވި އަންވަރު އިބްރާހީމް ކުރެއްވި އުންމީދުތައްވަނީ އަނެއްކާވެސް ވިއްސިވިހާލިވެގެން ގޮސްފައެވެ.

2019 ވަނައަހަރު އޭރުގެ އިދިކޮޅު ފަރާތްކަމަށްވާ "އަމްނޯ" އާއެކު ކޯލިޝަން ހެދުމުގައި އަންވަރުގެ ޕާޓީ ކަމަށްވާ "ޕަކަޓަން ހަރަޕަން"ގެ ބައެއް މެންބަރުންނާއި އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި މަހާތީރު ބިން މުހައްމަދުގެ "ބެރުސާތު" ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް ބައެއް މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އަންވަރާއި މަހާތީރުގެ ވަނީ އެދެބޭފުޅުންގެ ދެޕާޓީގެ ބައެއް މެންބަރުން "އަމްނޯ" އާއެކު ކޯލިޝަން ހެދުމުގައި ބައިވެރިވެވަޑައިގަތުމަކީ ހިޔާނާތުގެ އަމަލެއްކަމަށް އެދުވަސްވަރު ސިފަކުރައްވާފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް އިސްމާއީލް ސަބްރީ އައްޔަންކުރުމުން އަނެއްކާވެސް އުފެދޭނީ 1957 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް މެލޭޝިއާގައި ވެރިކަންކުރި "ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން" (އަމްނޯ)ގެ ވެރިކަމެކެވެ.

މެލޭޝިއާގެ ވެރިކަން 1957 ވަނަ އަހަރަށްފަހު އަމްނޯއަށް ގެއްލިގެން ދިޔައީ 2018 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި އާންމު އިންތިހާބުގައި އޭރު އެޕާޓީގެ ރައީސަކަށް ހުންނެވި އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެންނެވެ. ނަޖީބުއާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތައް ކަމަށްވާ މަހާތީރާއި އަންވަރު އިބްރާހީމް ކުރެއްވި ވަރުގަދަ ކެމްޕޭންގެ ސަބަބުންނެވެ.

2018 ގެ އިންތިހާބަށްފަހު މީގެ ތެރެއިން އެތައް ތުހުމަތުތަކެއް ނަޖީބު ރައްޒާގުގެ މައްޗަށް ތަހްގީގުން ސާބިތުވުމުން ނަޖީބުވަނީ ހައްޔަރުކޮށްފައެވެ. ނަޖީބު ގެ މައްޗަށް ދައުވާ ކުރުމުގެ ކަންތައް ކޯޓުގައި މިހާރުވެސް ކުރިޔަށް އެބަދެއެވެ. މަހާތީރަކީ ކުރިން "އަމްނޯ" ގެ ޒައީމެވެ. އޭނާ އެޕާޓީން ވަކިވަޑައިގެން "ބެރުސާތު" ޕާޓީ އުފެއްދެވީ 2016 ވަނައަހަރުއެވެ.

އެއަށްފަހު 2020 ގައި މަހާތީރުވަނީ "ބެރުސާތު" ޕާޓީގެ ބައެއް މެންބަރުން ހިޔާނާތްތެރިވުމާ ގުޅިގެން އެޕާޓީ ދޫކޮށްލެއްވުމަށްފަހު "ޕީޖުއަންގް ޕާޓީ" ގެ ނަމުގައި އަލުން ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް