އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގެ ފުރަތަމަ މެޗުގައި އިންޑިއާގެ ދެކްލަބުގެ ކުރިމަތިލުން މޯހަން ބަގާންއިން ކާމިޔާބުކޮށްފިއެވެ. މޯހަން ބަގާން މިމެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން ރޯއީ ކްރިޝްނާ އަދި ޑިފެންޑަރު ސުބަޝިސް ބޯސްއެވެ.
ދެ ޓީމުންވެސް ނެރެފައިވަނީ ވަރަގަދަ ފުރަތަމަ 11 އެކެވެ. މޯހަން ބަގާންއަށް ބަލާއިރު އެޓިމުގެ ގޯލް ބެލެހެއްޓަނީ ކީޕަރު އަމްރިންދަރު ސިންގްއެވެ. ޑިފެންސް ލައިނުން ކުޅެނީ ސުމިތު ރާތި، ސުބަޝަސް ބޯސްގެ އިތުރުން ޕުރިތަމް ކޮޓާލްއެވެ.
މެދުތެރެއިން ކުޅުނީ ކާލް މިކްހިއު އާ ހޫގޯ ބޮއުމުސް، ޑީޕަކް ތަގުރީ އަދި ލެނީ ރޮޑްރިކްސްއެވެ. މޯހަން ބަގާންގެ ކުރިއަށް ކުޅުނީ މަންވީރް ސިންގު އާ ޑޭވިޑް ވިލިއަމްސްގެ އިތުރުން ކެޕްޓަން ރޯއީ ކްރީޝްނާއެވެ.
ކްލަބް އީގަލްސް އާ ދެކޮޅަށް ޕްލޭ އޮފް ގައި ބެންގަލޫރު ނެރުނު ޓީމުން ބަދަލުކޮށްފައިވަނީ ދެ ކުޅުންތެރިއެކެވެ. އަޖޭ ޗެތުރީ އަދި ރޯހަން ސިންގު ކުޅެފައި ވަނީ މުހައްމަދު އަޝީގް އާ ރޯހިތު ކުމާރުގެ ބަދަލުގައެވެ.
މެޗުގެ 20 ވަނަ މިނިޓުގައި މޯހަން ބަގާންއިން ފުރުސަތެއް ތަނަވަސް ކުރިއެވެ. ބެންގަލޫރުގެ ޓީމުގެ ދެޑިފެންޑަރުން ކާރިން ނައްޓާލުމަށްފަހު ބޯޅަ ހިފައިގެން ވަދެ ފްރާންސް މިޑްފިލްޑަރު ހޫގޯ ބޮއުމުސް ފޮނުވާލި ހަމަލާ ބެންގަލޫރު ކީޕަރު ގުޕްރީތު ސިންގު ވަނީ ހުށިއާރު ކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ 25 ވަނަ މިނިޓުގައި މޯހަން ބަގާން ގޯލުގެ ކަނާތު ފަޅިން ބެންގަލޫރުއަށް ހިލޭ ޖެހުމެއް ލިބުނެވެ. ބްރެޒިލް ފޯވާޑް ކްލެއިޓަން ހުރަސްކޮށްލި ހުސް ބޯޅައިގައި ޖާހަން އެޓީމުގެ އެއްވެސް ކުޅުންތެރިއެއް ނުވަދެއެވެ.
މެޗުގެ 31 ވަނަ މިނިޓުގައި މޯހަން ބަގާންއަށް ފަހި ފުރުސަތެއް ލިބުނެވެ. ހޫގޯ ބޮއުމުސް ހުސްކޮށްލާފައި މަތިން ވައްޓާލި ބޯޅަ ހިފައިގެން ވަދެ ބެންގަލޫރުގެ ކުޅުންތެރިއެއް ކާރިން ނައްޓާލުމަށް ފަހު އެޓީމުގެ ކެޕްޓަން ރޯއީ ކްރީޝްނާ ފަހަތަށް ކަނޑާލި ބޯޅަ ލިބުނީ ފާޕޯސްޓަށް ވަން މޯހަން ބަގާން ކުޅުންތެރިއާއަށެވެ. އޭނާ ގޯލުގެ ދުރު ކަނަށް އަމާޒު ކުރި ބޯޅަ ބެންގަލޫރުގެ ކީޕަރު ގުޕްރީތު ވަނީ އޭނާގެ ފައިން ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މޯހަން ބަގާންއެވެ. މިލަނޑު އެޓީމަށް މެޗުގެ 39 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން ކްރިޝްނާއެވެ. ކޯނަރަކުން ނެގި ބޯޅަ އަކުން މޯހަން ބަގާން ކުޅުންތެރިއަކުން ބޯލުން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ކްރިޝްނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި މޯހަން ބަގާންއިން މެޗުގެ ދެވަނަ ލަނޑު ޖެހިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސުބަޝިސް ބޯސްއެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ހަމަޖެހިލާފައި ސުބަޝިސް ފޮނުވާލި ހަމަލާ އަމާޒުވީ ބެންގަލޫރު ގޯލުގެ ދުރު ކަނަށެވެ.
ބެންގަލޫރަށް ދެވަނަ ހާފުގެ ފުރަތަމަ ފުރަތަމަ ފުރުސަތު ލިބުނީ 52 ވަނަ މިނިޓުގައެވެ. އޭރިއާ ބޭރުން ފޯވާޑް ކްލެއިޓަން ފޮނުވާލި ބާރު ހަމަލާ އަމްރިންދަރު ސިންގު ވަނީ މަތަކޮށްފައެވެ.
މެޗުގެ 70 ވަނަ މިނިޓުގައި މޯހަން ބަގާންއަށް އިތުރު ލަނޑެއް ޖަހަން ފުރުސަތު ލިބުނެވެ. 70 ވަނަ މިނިޓުގައި ލިބުނި ހިލޭ ޖެހުމަކުން ބޮއުމުސް ތިރި ތިރިން ފޮނުވާލި ބޯޅަ ބެންގަލޫރު ކުޅުންތެރިއެއް ފައިގައި ޖެހިފައި ދިޔައީ ގޯލުގެ ދަނޑި ކާރިން ބޭރަށެވެ.
މެޗުގެ ފަހުކޮޅު ބެންގަލޫރުއިން ވަނީ ގިނަ ބަދަލުތަކެއްކޮށްފައެވެ. ނަމަވެސް އެޓީމަށް މޯހަން ބަގާންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
އޭއެފްސި ކަޕު ގްރޫޕް ސްޓޭޖުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާ ބަޝުންދަރަ ކިންގްސްއެވެ.