ހަމަލާގެ ތަހުގީގަށް ނަޝީދުގެ ފަރާތުން ބޭރުގެ މަންދޫބެއް

ބްރިޓިޝް ކުއީން ކައުންސިލުގެ މެމްބަރު ކާސްޓީ ބްރިމެލޯ --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ފަރާތުން ބޭރުގެ މަންދޫބެއް އައްޔަނުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ ރައީސް ނަޝީދުގެ ފަރާތުން ހަމަލާގެ ތަހުގީގަށް އައްޔަން ކޮށްފައިވާ އެ ކައުންސިލްގެ މެމްބަރަކީ ކާސްޓީ ބްރިމެލޯކަމަށެވެ. އަދި އޭނާގެ މަސައްކަތަކަށް ވާނީ ތަހުގީގު ހިނގަމުން އަންނަ ގޮތް ބެލުންކަމަށެވެ.

ކާސްޓީ ބްރިމެލޯއަކީ އިނގިރޭސިވިލާތުގެ ކުއީންސް ކައުންސެލް (ކިއުސީ)ގެ ލަގަބު އަރުވާފައިވާ އިސް ގާނޫނީ ވަކީލެކެވެ.

ކުއީންސް ކައުންސެލްގެ ލަގަބު އަރުވަނީ ގާނޫނީ ފަންނުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައި ތިބި, އަދި ގާނޫނީ ފަންނުގައި އެންމެ ތަޖުރިބާކާރު ވަކީލުންނަށެވެ.

މަޖިލީހުން ބުނި ގޮތުގައި ބްރިމެލޯ އައްޔަނުކުރުމުގައި އަދި އޭނާ ކުރާ މަސައްކަތުގެ އެއްވެސް ހަރަދެއް މަޖިލީހަކުން ނުކުރާނެއެވެ.

ތަހުގީގު ހިނގަމުން ދާ ގޮތުގެ އިތުރުން ކާސްޓީ ގެ ތަޖުރިބާގެ ބޭނުންކޮށްގެން ހަމަލާގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތްވެސް އޭނާ ކުރާނެކަމަށް މަޖިލީހުން ބުންޏެވެ. ހަމައެއާއެކު ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުރުން ވަކީލުންގެ އެހީއާއެކު ހަމަލާގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރާނެކަމަށްވެސް މަޖިލީހުން ބުންޏެވެ. ކާސްޓީ ބްރިމެލޯއަކީ ކްރިމިނަލް ލޯގެ ދާއިރާގައި މަޝްހޫރު ވަކީލެކެވެ.

ރައީސް ނަޝީދަށް މޭ ހަވަނަ ދުވަހުގެ ރޭ އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ޖުމްލަ ދިހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެތަނުން ހަތަރު މީހެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އުފުލައިފައެވެ. ދިހަ މީހުންގެ ތެރެއިން އެކަކު ވަނީ ދައުވާކުރެވޭވަރަށް އަދި ހެކި ނެތުމުން ދޫކޮށްލާފައެވެ.

އަދި އެމަނިކުފާނު ވަނީ އެމަނިކުފާނަށް ރާއްޖެއިން ބޭރުގައި އިތުރު މުއްދަތަކަށް ހުރެވޭނެހެން ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވުން އެދި މަޖިލީހަށް ސިޓީފުޅެއްވެސް ފޮނުއްވާފައެވެ.

comment ކޮމެންޓް