އަސަން އުއްލާގެ މަރު: ހެކިން ހާޒިރުކުރަން އިތުރު ފުރުސަތެއް

އަސަން އުއްލާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ 8 ރައްޔިތުން މިއަދުގެ ޝަރީއަތުގައި ---

ލ. ފޮނަދޫ ގޮނޑުދޮށުގައި މަރާލައިފާ އޮއްވާ ފެނުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަސަން އުއްލާގެ މަރުގެ މައްސަލައިގަ ދައުލަތުން ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދީފިއެވެ.

އަސަން އުއްލާ މަރާލައިފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން އުޅޭތާ ދެ ދުވަސް ފަހުން ޖުލައި 30، 2017 ވަނަ ދުވަހު ފޮނަދޫ ގޮނޑުދޮށުންނެވެ. ފުލުހުން ކުރި ތަހުގީގުން އޭނާ މަރާލައިފާވަނީ ޖުލައި 26، 2017 ކަން އެނގުނެވެ.

މި މައްސަލައިގައި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާނީ ބަނގްލަދޭޝްގެ އަބޫކަލަމްގެ މައްޗަށެވެ. މި މައްސަލައިގައި ދެން ދައުވާ އުފުލާ ބަންގްލަދޭޝްގެ ހަތް މީހުންނަށް ކުރަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

އަސަން އުއްލާ މަރާލައިފައިވަނީ ބައިސްކަލްގައި ފޮނަދޫ ފިނިމަގުގައި އަސަން އުއްލާ އިންދާ އިސްވެ، އަބޫ ކަލަމް ހަމަލާދީގެން ކަމަށް ދައުލަތުން ވަަނީ މީގެ ކުރިން ބުނެފައެވެ.

ހަމަލާ ދިނުމަށްފަހު އެ ރަށު ފިނިމަގު އަތިރިމައްޗަށް ދެން ދައުވާ އުފުލާފައިވާ ހަތް މީހުންނާއެކު އަސަން އުސްލާ ގެންގޮސް އޭނާގެ ކަރަށް ވަޅިން ހަމަލާދީ އަބޫކަލަމް އޭނާގެ ކަރު ބުރިކޮށްލާފައިވާ ކަމަށް ދައުވާގައިވެއެވެ.

މިއަދު ހެކިން ނެގުމަށް ތާވަލް ކުރި އަޑުއެހުމަށް އެކި ސަބަބުތަކާ ހެދި ހެކިންނަން ހާޒިރުނުވެވުމުގެ ސަބަބުން ދައުލަތުން ހެކިން ގެނައުމަށް އިތުރު ފުރަސަތެއް މައްސަލަ ބައްލަވާ ގާޒީ ސޮފްހަތު ހަބީބް ވަނީ ދެއްވާފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން ދެ މީހެއް ފިޔަވައި އެހެން އެންމެންގެ ހެކިބަސް ވަނީ ނަގައިފައެވެ.

ހެކިބަސް ނުނެގިތިބި ދެ މީހުންގެ ތެރެއިން އެކަކު ހެކިބަސް ދިނުމަށް މިހާރު އިއުތިރާޒުކުރާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ދެވަނަ މީހާ ލ. ހިތަދޫ ކޯޓަށް ހާޒިރުވެ ހެކިބަސްދޭން ތައްޔާރަށް ހުރި ކަމަށް ވަކީލު ވިދާޅުވިއެވެ.

ހެކިބަސް ދިނުމަށް އިއުތިރާޒު ކުރަނީ މަގުބޫލު އުޒުރެއް ނެތި ކަމުގައިވާނަމަ ހެކިބަސް ނެގުމަށް އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހެކިން ހާޒިރުވުމަށް އިތުރު ފުރުސަތެއް ދެއްވުމަށްފަަހު ގާޒީވަނީ ގިނަ ދުވަސް ވެފައިވާ މައްސަލައެއް ކަމުގައިވާތީ މައްސަލަ އަވަހަށް ނިންމުމުގެ ގޮތުން ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައިފަައެވެ. އެގޮތުން ފަހެއް ސެޕްޓެމްބަރަށް ހެކިބަސް ނެގުމުގެ އަޑުއެހުމެއް ވަނީ ތާވަލްކޮށްފައެވެ.

ހެކިބަސް ނެގުން އެދުވަހު ނިމިއްޖެނަމަ، ހަމަ އެދުވަހު ހެކިބަހާ ބެހޭގޮތުން ވާހަކަ ދެއްކުން ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހެކިންގެ ބަސް ނެގުމަށްފަހު ސެޕްޓެމްބަރު 21 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ހުލާސާ ބަޔާން ސެޕްޓެމްބަރު 21 ގައި އިއްވިއްޖެނަމަ އޮކްޓޯބަރު 21 ގެ ކުރިން މައްސަލައިގެ ހުކުމް ގާނޫނުގައިވާގޮތުން އިއްވަން ޖެހޭނެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ މީހުން ވަނީ ޖަލުގައި ގިނަ ދުވަހެއް ފާއިތުވެފައިވުމާއެކު ވީހާވެސް އަވަހަކަށް މައްސަލަ ނިންމައިދިނުމަށް ގާޒީގެ އަރިހުން އެދިފައެވެ.

މި މައްސަލަ ވީހާވެސް އަވަހަކަށް ނިންމުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

comment ކޮމެންޓް