ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ދައުލަތުން ފޮނުވާފައިވާ ލިޔެކިޔުންތައް ސާފު ނޫން ކަމަށް ނިހާންގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ.
ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ ގޮތުން މިއަދު ކުރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގައި ދިފާއީ ވަކީލުން ވަނީ ދައުލަތުގެ ފަރާތުން ފޮނުވާފައިވާ ސޮފްޓް ކޮޕީގެ ބައެއް ލިޔެކިޔުންތައް ސާފު ނުވާތީ ރަނގަޅު ދިފާއެއް ބިނާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ލިޔެކިޔުންތައް ސާފު ނުވާތީ ކޯޓަށް ސިޓީއެއްވެސް ހުށަހަޅާފަ ވާނެ ކަމަށް ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ. ލިޔެކިޔުންތައް ހިމެނޭ ސީޑީއެއްވެސް ދައުލަތުން ހުށަހަޅާފައިވާއިރު އެ ސީޑިއަށް އެކްސެސް ނުވެވޭ ކަމަށާއި އެ ސީޑީގެ ބޭރުގައިވެސް ކިޔަންނޭނގޭ ލިޔެކިޔުންތަކުގެ ނަމްބަރުތައް ނުހިމެނޭ ކަމަށް ދިފާއީ ވަކީލުން ވިދާޅުވިއެވެ.
ރައްދުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ދައުލަތުގެ އަތުގައިވެސް ހުންނާނީ ހަމަ އެއްވަރަކަށް ސާފު ލިޔެކިޔުންތައް ކަމަށާއި އެއަށްވުރެ ސާފު ލިޔެ ކިޔުމެއް ދައުލަތުގައިވެސް ނެތް ކަމަށެވެ. އަދި ދައުލަތުގެ އަތުގައި ހުރި ލިޔެކިޔުންތައް ސާފުކޮށް ކިޔަން އިނގޭ ކަންވެސް ދައުލަތުން ފާހަގަކުރިއެެވެ. އެހެންކަމުން ޝަރީއަތް ކުރިޔަށް ނުގެންގޮސް މަޑު ޖައްސަންވީ އެއްވެސް ސަބަބެއް ނުފެންނަ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން މިހެން ވިދާޅުވުމުން ދިފާއީ ވަކީލުން ވަނީ ދެ ފަރާތުގެ އަތުގައި ހުރި ލިޔެކިޔުންތައް އަޅާކިޔުމަށް އެއް މަޖިލީހަކަށް ހާޒިރުކޮށް ދިނުމަށް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް އަރިހުގައި ދަންނަވާފައެވެ.
މި މައްސަލައިގައި ގާޒީ ނިންމެވީ ދައުލަތުގައި ހުރި ދައުވާއާ ގުޅޭ ހުރިހާ ލިޔެކިޔުމެއްގެ ހާޑް ކޮޕީ ކޯޓަށް ވީހާވެސް އަވަހަށް ހުށަހެޅުމަށާއި ޝަރީއަތް ކުރިޔަށް ގެންދާނީ ލިޔެކިޔުންތަކުގައި ދިމާވި މައްސަލަ ހައްލުކުރުމަށް ފަހު ކަމަށެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައިވެސް ކުރިޔަށް ދާނީ ދައުވާއަށް ޖަވާބުދާރީ ވުމުގެ މަރުހަލާ ކަމަށާއި ދެން އޮންނަ އަޑުއެހުން ކުރިޔަށްދާނީ ހުރިހާ ފަރާތަކުން ކޯޓަށް ހާޒިރުވެގެންކަންވެސް ގާޒީ އިއުލާން ކުރެއްވިއެވެ.
މި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ތިން ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.
ނިހާންގެ މައްޗަށް ދައުވާ އުފުލީ މަޖިލީހުގެ މެމްބަރު ކަމުގައި އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމުގައި ހުންނެވިއިރު އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދީބު ދިން ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގުން ހާމަވުމުން ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ