ނާޒިމާއި ރިޔާޒް ވެރިކަމަށް ހޮވޭ ވަރަށް މަގުބޫލެއް ނޫން: ސައުދު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ ޕާޓީއެއް އުފެއްދެވުމަށް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަކީ ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވޭނެ ވަރުގެ މަގުބޫލު ބޭފުޅުންނެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު "ސަން"އަށް ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޕާޓީތަކާ އެއް ފެންވަރަކަށް ނާޒިމާއި ރިޔާޒްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ދެވޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ.

އަދި އެ ދެ ބޭފުޅުންނަށް ޖުމްހޫރީގެ ޕާޓީގެ ޓިކެޓާ ނުލައި މަޖިލީހުގެ މެމްބަރުކަންވެސް އަލުން ލިބޭނެ ކަމަށް ނުބެލެވޭކަމަށް ސައުދު ވިދާޅުވިއެވެ.

"އެ ދެ ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ ޖުމްހޫރީ ޕާޓީގެ ލޯގޯ ޖަހައިގެން ކާމިޔާބުވި ދެ ބޭފުޅުން ވީމަ ދެންވެސް ކާމިޔާބު ވާނީ އެ ޕާޓީ ތެރެއިން. އެހެން ނޫނީ އަޅުގަނޑަކަށް ނުފެނޭ އެ ދެ ބޭފުޅުންނަށް ސިޔާސީ ގޮތަކުން އަމިއްލަ ޕާޓީއަކުން ވާދަ ކޮށްގެން ކާމިޔާބު ވާނެ ގޮތެއް،" ސައުދު ވިދާޅުވިއެވެ.

ސައުދު ލަފާ ކުރެއްވި ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީން އަމިއްލައަށް ވާދަ ކުރުމުގެ ބަދަލުގައި، އެ ޕާޓީން މަސައްކަތް ކުރާނީ ކޯލިޝަނެއްގައި ބައިވެރިވުމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ތަޖުރިބާތަކަށް ބަލާ އިރު އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ރާއްޖޭގެ ވެރިކަމަށް އަންނަ ވަރުގެ މާ ޕޮޕިއުލާ ބޭފުޅުންނެއް ކަމަށް. ފަހަރެއްގެ މީހެއްގެ ނަސީބު މެދުވެރިވާ ގޮތަކުން އެކަން ނުވާނެ ވާހަކައެއްނޫން،"

"އަޅުގަނޑަށް ހީވަނީ 2023ގައި އެބޭފުޅުން ބަލާނީ ކޮންމެވެސް ޕާޓީއަކަށް ވަދެގެން، ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަންހެން،" ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވަނީ، ނާޒިމާއި ރިޔާޒް ޖުމްހޫރީ ޕާޓީ ދޫކުރެއްވީ އެ ޕާޓީން ކުރިއަށް ދިޔުމަށް ފުރުސަތުތައް ނުލިބުމުންކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އަދި އެ ދެ ބޭފުޅުންނަށް ވުރެ ބޮޑަށް ޕާޓީން ފުރުސަތު ލިބި، ލީޑަރު ގާސިމް އިބްރާހިމް އިތުބާރު ކުރެއްވި އެހެން ބޭފުޅުންނެއް ޕާޓީން ދެކިނުލައްވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވާނީ ލީޑަރުކަމަށް ގަވާއިދުތަކުގައި އޮތް ނަމަވެސް، އެތެރޭގެ ވޯޓަކުން ހޮވޭ ބޭފުޅަކަށް ރިޔާސީ ޓިކެޓު ދިނުމާ ބެހޭ ގޮތުން ގާސިމް ޕާޓީގެ ތިން ބައްދަލުވުމެއްގައި ވާހަކަ ދެއްކެވިކަން ސައުދު ހާމަކުރެއްވިއެވެ.

ނާޒިމް ވަނީ އެމްއެންޕީގެ ޕްރައިމަރީގައި ވާދަ ކުރައްވައިގެން ޓިކެޓް ކަށަވަރު ވެއްޖެނަމަ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން މީގެ ކުރިން އިއުލާން ކުރައްވާފައެވެ.

comment ކޮމެންޓް