އާލިން ބްރައުޓް ހާލަންޑްގެ މޮޅު ކުޅުމާއެކު ޖަރުމަން ބުންޑެސްލީގާގައި އެއިންޓްރަކްޓް ފްރޭންކްފާޓްގެ މައްޗަށް ބޮރޫޝިއާ ޑޯޓްމަންޑްއިން 5-2 އިން ކުރި ހޯދައިފިއެވެ.
މެޗުގައި ޑޯޓްމަންޑް ފޯވާޑް ހާލާންޑް ވަނީ ދެގޯލު ޖަހައި ތިން އެސިސްޓްކޮށްފައެވެ.
ޑޯޓްމަންޑް ކެޕްޓަން މާކޯ ރޮއިސްގެ 100 ވަނަ ގޯލަށް ފުރުސަތު ފަހިކޮށްދިނީވެސް ހާލާންޑްއެވެ. ނަމަވެސް ފެލިކްސް ޕާސްލެކް ބައިކޮޅަށް ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ އެއްވަރުވިއެވެ.
ޑޯޓްމަންޑަށް އަލުން ލީޑު ނަގައިދިނީ ހާލަންޑް ދިން ބޯޅަ އަކުން ތޯގަން ހަޒާޑްއެވެ. އޭގެ ފަހުން 21 އަހަރުގެ ހާލަންޑް ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހައި މެޗުގެ ނަތީޖާ 3-1 ބަދަލުކޮށްލާފައެވެ.
ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ޖިއޮވާނީ ރޭނާ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ 4-1 ބަދަލުވިއެވެ. މިލަނޑަކީވެސް ހާލާންޑް ދިން އެސިސްޓަކުން ޖެހި ލަނޑެކެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ފަހު ގޯލު ޖެހީ ހާލާންޑްއެވެ. މާކޯ ރޮއިސް ފްރޭންކްފާޓްގެ ޑިފެންސް ލައިނު ފޫއަޅުވާލުމަށްފަހު ދިން ބޯޅަ ހިފައިގެން ވަދެ ހާލަންޑް ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލާފައެވެ.
މެޗު ނިމެން ގާތް ވެފައިވަނިކޮށް ފްރޭންކްފާޓްގެ ފޯވާޑް ޔެންސް ޕެޓާ ހާގް ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ 2-5 ބަދަލުކޮށްލާފައެވެ.
މިހާރު ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ފޯވާޑަކީ ހާލަންޑްއެވެ. އޭނާ ވަނީ ޑޯޓްމަންޑަށް 61 މެޗު ކުޅެ 62 ގޯލު ޖަހާފައެވެ.