ސްކޫލް ކުދިންނަށް ވެކްސިން ދޭ ޕްރޮގްރާމް ފަށައިފި

އޮގަސްޓް 10، 2021: ދޮޅު އަހަރެއްހާ ދުވަހު ސްކޫލުތައް ބަންދު ކުރުމަށް ފަހު، ސްކޫލްތައް ހުޅުވައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ އަތޮޅުތަކެއް ހިމެނޭހެން ސްކޫލްތަކުގެ ދަރިވަރުންނަން ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ރޭ ޕީއެސްއެމްގެ ޕްރޮގްރާމްއެއްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ސްކޫލު ކުދިންނަށް ވެކްސިން ޖަހައިދޭ ސެންޓަރަކީ އިސްލާމީ މަރުކަޒުކަމަށާއި، އަދި މިއަދު މާލޭގައި ވެކްސިން ޖަހައިދޭނީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުންނަށް ކަމަށެވެ. ހުޅުމާލޭގައި ވެކްސިން ޖަހާ ސެންޓަރަކީ ރެހެންދި ސްކޫލްކަމަށް އަދި ހުޅުމާލޭގެ ސްކޫލުތަކުގެ ތެރެއިން މިއަދު ވެކްސިން ދޭން ހަމަޖެހިފައިވަނީ ހުރަވީ ސްކޫލުގެ ދަރިވަރުންނަށްކަމަށެވެ.

މިނިސްޓްރީއިން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ވެކްސިން ޖަހައިދޭނެ ސްކޫލުތަކުގެ ތަރުތީބުވެސް އާންމުކޮށްފައެވެ. އެ ސްކޫލުތަކަކީ:

  • އަރަބިއްޔާ ސްކޫލް
  • އިސްކަންދަރު ސްކޫލް
  • ސީއެޗްއެސްއީ
  • މަޖީދިއްޔާ ސްކޫލް
  • ދަރުމަވަންތަ ސްކޫލް
  • ކަލާފާނު ސްކޫލް
  • ހިރިޔާ ސްކޫލް
  • ތާޖުއްދީން ސްކޫލް
  • އިމާދުއްދީން ސްކޫލް

މީގެ އިތުރުންވެސް ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލްގައި ވެކްސިން ސެންޓަރުތަކެއް ގާއިމުކުރަން މަސައްކަތްކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ރޭގެ ޕްރޮގްރާމްގައި ވިދާޅުވިވިއެވެ. މިނިސްޓަރު މުޖާހިދު ވިދާޅުވީ މިއަދު ބައެއް އަތޮޅުތަކުގައިވެސް ވެކްސިން ޖެހުން ފަށާނެ ކަމަށެވެ. އެގޮތުން ކ. އަތޮޅުގެ އެކަނިވެސް 10 ރަށެއްގައިވެސް ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފަށާނެކަމަށެވެ.

"އެ ގޮތުން ކާށިދޫ، ގާފަރު، ދިއްފުށި، ތުލުސްދޫ، ހުރާ، ހިންމަފުށި، ގުޅި މީގެ އިތުރުން ގުރައިދޫގެ ސްކޫލް ކުދިންނަށް ވެކްސިން ދޭން ފެށޭނެ. މީގެ އިތުރުން ފުވައްމުލަކުގައި ވެސް ވެކްސިން ދިނުން ފަށާނަން. އޭގެ އިތުރުން ގއ، ދ، ފ، ބ، އއ، ލ، އަދި މ އަތޮޅުގައިވެސް އަޅުގަނޑުމެން މާދަމާ ވެކްސިން ދިނުން ކުރިޔަށް ގެންދާނަން،" މުޖާހިދު ވިދާޅުވިއެވެ. ވެކްސިން ޖަހަން ދާންޖެހޭ ތަންތަނާއި އެހެނިހެން މައުލޫމާތު މިހާރު ބެލެނިވެރިންނާއިވެސް ހިއްސާ ކޮށްފައިވާނެ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ޑރ. ރަޝީދު ވިދާޅުވީ ވެކްސިން ޖެހުމުގައި ހަރަކާތްތެރިވާނީ އެޗްޕީއޭގެ އޮފިޝަލުން ނުވަތަ ތަމްރީނުވެފައިވާ ކަމާބެހޭ ފަރާތްތައް ކަމަށެވެ. އަތޮޅުތެރޭ ސްކޫލުތަކުގައި ވެކްސިން ދޭނީ އެރަށެއްގެ ސިއްހީ މަރުކަޒުގެ މުވައްޒަފުންކަމަށާއި އަދި ކަމާބެހޭ ތަމްރީން ލިބިފައިވާ ފަރާތްތަކެވެ. ސްކޫލް ކުދިންނަށް ދޭން ހަމަޖެހިފައިވަނީ ފައިޒާ ވެކްސިންއެވެ. އެ ވެކްސިން އަކީ އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި 128،600 ޑޯޒްއެވެ.

comment ކޮމެންޓް