ޓެގް މައްސަލައިގައި ސުވާލު އުފެދެނީ ކަން އޮތް ގޮތް ނޭނގޭތީ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: -- ސަން ފައިލް ފޮޓޯ

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އެޅުވުމަށް ފެށި ކުރިން ފެށި މަސައްކަތާ ގުޅޭގޮތުން ސަރުކާރުން ސުވާލު އުފައްދަނީ އެކަން އޮންނަ ގޮތް ރަނގަޅަަށް ނޭނގޭތީކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިއަދު "ސަން" އަށް ވިދާޅުވީ ސަރުކާރުން ޓެގް ގެ މަސައްކަތް ކުންފުންޏަކަަށް ހަވާލުކުރިއިރު، މަސައްކަތުގެ ޕްލޭނެއް ހަދައި ދިރާސާވެސް ކޮށްފައިވާކަމަށެވެ.

"މިއީ އިލިކްޓްރޯނިކް ޓެގިން ޕްރޮޖެކްޓް ރާއްޖެއަށް ގެނެވިފައި މިއޮތީ ދައުލަތުގެ ފަރާތުން ޑިޓެންޝަނުގައި ބައިތިއްބާ މީހުން ބޭތިއްބުމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް. އެމީހުންގެ މައްޗަށް ކާފިއު ހިންގުމަށް،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޯމް ޓެގިންއަށް ވެސް އިލެކްޓްރޯނިކް ޓެގިން ބޭނުންކުރެވޭނެކަމަށެވެ. އަދި އިލެކްޓްރޯނިކް ޓެގިންގެ ތެރެއިން މޮނިކޮން އަކީ ވަރަށް ކުޑަ ކޮމްޕޯނެންޓެއްކަމަށާއި އިލެކްޓްރޯނިކް ޓެގިން އާއެކު ދައުލަތަށް ގާތްގަނަޑަކަށް 30 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށެވެ.

"ނެދަލޭންޑްސްގެ ގިނަ ޖަލުތައް ބަންދުކޮށްފައި މިހާރު ހުރީ ކުށްވެރިން ނެތިގެން. އިލެކްޓްރޯނިކް ޓެގިންއަށް ބަދަލުކޮށްފައި ތިބީ އެ މީހުން. އެހެންވީމާ ރާއްޖޭގައިވެސް މި ޕްރޮޖެކްޓް ހިންގި ނަމަ އެންމެ ޖަލެއް ފިޔަވާ ހުރިހާ ޖަލެއް ބަންދުކޮށްލެވުނީސް،" އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން އުމަރު ވިދާޅުވީ ޓެގިންގެ މައްސަލައިގައި ސަރުކާރު މިއަދު އޮތީ ވަރަށް ބޮޑަށް ބޭޒާރުވެފައިކަމަށެވެ. އަދި މިއަދު ސަރުކާރުގައި ތިބި ބޭފުޅުންނަކީ ޓެގު ހަރުކުރުމާމެދު ވަރަށް ބޮޑަަށް ފާޑުކިޔާ ޖޯކު ޖެހި ބައެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު މި ބޭފުޅުންނަށް އެނގޭނެ މިކަމުގެ މުހިންމުކަން. ގޮނޑީގައި އިށީންދެލީމަ އެނގޭނެ. މިހާރު އަނބުރާ އެކަން ގެންނަވެގެން އެއުޅެނީ. އެކަމަކު އަޅުގަނޑު ކުރިކަމެއްކަމަށް ވީމަ އެކަން އެގޮތަށް ކުރެވޭކަށްވެސް ނެތް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި ޓެގު ހަރުކުރުމުގެ މަސައްކަތް ކުރި ގޮތާމެދު ހިތްހަމަ ނުޖެހޭ ނަމަ މިއަދު މިސަރުކާރުން އެކަން އަލުން ރާވައިގެން ކުރުމަަށް ވަގުތު ލިބިފައިވާކަމަށެވެ. ނަމަވެސް އެކަން އަދިވެސް ކުރެވިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެއޮތީ ތިން އަހަރުގެ ތެރޭ ވުޖޫދަށް ގެނެސް މި މަސައްކަތް ރާއްޖޭގައި ފަށާފައި. އަޅުގަނޑުމެން ކުރި ކަންތައް ގޯސްކަމަށް ފެންނަންޏާ ވެސް ނެތް މައްސަލައެއް. އަދި އަަޅުގަނޑުމެން ކުރި ކަންތައްތަކަށްވުރެ ރަނގަޅަށް ކުރަން އުޅެންޏާމުންވެސް ނެތް މައްސަލައެއް. އެކަމަކު ހުސްވާހަކަ ނުދައްކާ ކަމެއް ކުރަންވީ ނޫންތޯ،" އުމަރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ހޯމް މިނިސްޓަރުކަމުގައި އުމަރު އިސްވެ ހުންނަވާ ޓެގް އެއްބަސްވުން މި ސަރުކާރުން ވަނީ ވެރިކަމާ ހަވާލުވުމަށްފަހު އުވާލާފައެވެ. އަދި އެ އެއްބަސްވުމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރި ކަމަށް ބުނެފައެވެ.

ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގުކޮށްކޮށް އޭނާގެ މައްޗަށް ދައުވާ ކުރެވޭނެވަރުގެ ކަމެއް ހޯދިފައިނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.

"ކިތަންމެ ވަރަކަށް ބެލިޔަސް ނުފެންނާނެ. ސަބަބަކީ އެއީ އޯޕަން ބިޑެއްގައި އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏާ ހަވާލުކޮށްފައިވާތީ. އެ ކުންފުންޏަކީ އަޅުގަނޑު އަނތްބެއް ދަރިއެއް އާއިލާގެ މީހެއް އަދި ތިމާގެ މީހެއް ނުވަތަ އަޅުގަނޑާ އެއްވެސް ގޮތަކުން ގުޅުންހުރި ކުންފުންޏެއް ނޫން،" އުމަރު ވިދާޅުވިއެވެ.

comment ކޮމެންޓް