ރާއްޖެ އަޑިއަށްދަންޏާ ދިވެހީން ހިޖުރަކުރަންވީ މޮރޮކޯއަށް: ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ތިމާވެށީގެ ހާލަތު ގޯސްވަމުންދާކަމަށް ބުނަމުންދާއިރު، އެންމެ ރަނގަޅުގޮތަކީ ދިވެހީން މޮރޮކޯއަށް ހިޖުރަކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މޮރޮކޯ އަކީ ދިވެހީން ދިރިއުޅެން ވަރަށް ރަނގަޅު ތަނެއް ކަމަށާއި ރާއްޖޭގެ ތިމާވެށީގެ ހާލަތު ގޯސްވަމުންދާއިރު ދިރިއުޅޭނެ އެހެން ތަނެއް ބޭނުންނަމަ މޮރޮކޯއަކީ ހިތްގައިމު މަންޒިލެއް ކަމަށެވެ.

"ރާއްޖެ އަޑިއަށްދާނެ ކަމަށް މިބުނަނީ ކޮންމެ ރައީސެއްވެސް. ރާއްޖޭގެ ރައްޔިތުން އުޅޭނެ އެހެން ތަނެއްވެސް ހޯދަން އެބަޖެހޭ. މޮރޮކޯއަކީ ވަރަށް ފައްކާ ތަނެއް."

ޖާބިރު ވިދާޅުވީ ރާއްޖެއާއި މޮރޮކޯގެ ޑިޕްލޮމެޓިކް ގުޅުން ވަރަގަދަ ކުރަން "ސަޖެސްޓް" ކުރާ ކަމަށާއި މޮރޮކޯއަކީ ތައުލީމީ ގޮތުން ރަނގަޅު ޓުއަރިޒަމްވެސް ރަނގަޅުތަނެއް ކަމަށެވެ.

"ރަނގަޅު ތައުލީމީ މީހުން މިތާ އެބަތިބި. ޓުއަރިޒަމްގެ ފުދޭވަރަކަށް ބޮޑު އާބާދީއެއް އޮންނަ ތަނެއް. ޔޫރަޕުގެ މެދުގަ މި އޮންނަނީ. ވަރަށް ކަނެކްޓިވިޓީވެސް ރަނގަޅުވާނެ. އިންސްޓަންބުލް އިން ވަރަށް ފަސޭހައިން ވިސާވެސް ހަމަޖެހޭނެ މޮރޮކޯއަށް އަންނަށް،" ޖާބިރު ވިދާޅުވިއެވެ.

މެމްބަރު ޖާބިރު މިހެން ވިދާޅުވިނަމަވެސް މޮރޮކޯއަކީ އެފްރިކާ ބައްރުގައި އޮންނަ ގައުމެކެވެ. ޖާބިރު އިތުރަށް ވިދާޅުވީ މޮރޮކޯ އާއި ރާއްޖޭގެ ގުޅުން ބަދަހި ކޮށްގެން ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށާއި އެ މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑު މި ވާހަކަ މަޖިލީހަށްވެސް ހުށަހަޅާނަން. މޮރޮކޯގެ ޓުއަރިޒަމް މިނިސްޓަރާ ބައްދަލުކުރާނަން. ރަސްގެފާނުގެ ފައިންޕުޅުވެސް ދެކޭނަން. ވަރަށް ޒުވާން ރަސްކަލެއް ހުންނާނީވެސް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހާރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އޭނާ ވިދާޅުވީ އެ ދަތުރަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމާ ކުރައްވާ ދަތުރެއް ކަމަށެވެ.

އެ ދަތުރުގައި އިޓަލީ ފަދަ ޔޫރަޕުގެ ގިނަ ގައުމުތަކަށް ގޮސް ރާއްޖޭގެ ޓުއަރިޒަމް އަދި އެގްރިކަލްޗާ ވަރަށް ބޮޑަށް ޕްރޮމޯޓްކޮށް ކުރިއަރުވަން މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް