މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތުމުން އާދަމް ޝަރީފް ކަންބޮޑުވުން ފާޅު ކުރައްވައިފި

ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު --

ދިރާސީ އާ އަހަރު ފެށުނު އިރު ރ. މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލެއް ނެތުމުން އެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އާދަމް ޝަރީފް މިރޭ "ސަން"އަށް ވިދާޅުވީ މަޑުއްވަރީ ސްކޫލްގައި ޕްރިންސިޕަލެއް ނެތް ވާހަކަ ރަށު ކައުންސިލުން ވަނީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައި ކަމަށެވެ. ނަމަވެސް މިދިޔަ އަންގާރައިގައި ސްކޫލްތަކުގެ ކިޔެވުން ފެށުނު އިރުވެސް އެ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސާފައި ނުވެއެވެ.

"ޕްރިންސިޕަލެއް ނެތީމަ އޭގެ ކަންބޮޑުވުންތައް ހިއްސާކޮށް ރަށު ކައުންސިލުންވެސް ކުރީ ބައިގައި އޮންނާނެ ސިޓީއެއް ފޮނުވާފަ. އަޅުގަނޑުވެސް ތައުލީމީ އާ އަހަރު ފެށުމުގެ ކުރިންވެސް ގުޅައިގެން ދަންނަވާފަ ވާނީ. ހާއްސަކޮށް ޓީޗަރަކު އަދި ޕްރިންސިޕަލަކު ނެތިއްޔާ ސްކޫލަކަށް ވަރަށް އުނދަގޫ ވާނެކަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގައި 35 އަހަރު ހިދުމަތް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެ މައްސަލައާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ މަޑުއްވަރީ ސްކޫލުގައި ހުރި ކުރީގެ ޕްރިންސިޕަލް ވަކި ކުރުމަށް ފަހު، އެ މަގާމަށް އާ މީހަކު ހޯދާނެ ކަމަށެވެ.

"އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ ކުރީގަ ހުރި ޕްރިންސިޕަލް ވަކި ކުރުމަށް ފަހު އިއުލާން ކުރަންށޭ ޖެހޭނީ މީހަކު ހޯދަން. ދެން އަޅުގަނޑުމެން ދެންނެވިން އެކަމަށް ވަރަށް ދުވަސް ނަގާނެ ނޫންހޭ އަނެއްކާވެސް. ޕްރިންސިޕަލަކު ނެތި އެހާ ގިނަ ދުވަސް ވަންޏާ ހުންގާނު ނެތި އޮޑީއެއް ދާހެންތާ ސްކޫލް ދާނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަޖެހިފައިވާ ކަމަށް ބުނި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ. އަދި ވަރަށް ގިނަ ރަށްތަކުގައި ބޭރު ޓީޗަރުން އަދިވެސް ކަރަންޓީނުގައި ތިބި ކަމަށާއި ދުރާލާ އެފަދަ ކަންތައް ހައްލު ނުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "ސަން"އަށް ވިދާޅުވީ މަޑުއްވަރީ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މަގާމުން އިސްތިއުފާ ދޭން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ސްކޫލަށް ދާއިމީ ޕްރިންސިޕަލަކު ހޯދުމަށް އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށާއި މައްސަލަ ދެ ހަފްތާ ތެރޭ ހައްލު ކުރެވޭނެ ކަމަށް އޭނާ ލަފާ ކުރެއްވިއެވެ.

މީގެ އިތުރުން މިފަދަ ހާލަތްތަކުގައި އަމަލު ކުރާ އާއްމު އުސޫލަކީ އެ ސްކޫލެއްގައި އެންމެ އިސްކޮށް ހުންނަަ މީހަކާ ސްކޫލް ހިންގުން ހަވާލު ކުރުން ކަމަށާއި އެގޮތުގެ މަތިން، މަޑުއްވަރީ ސްކޫލުގެ ލީޑިން ޓީޗަރަކާ ހިންގުން ހަވާލުކޮށްފައިވާ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

"އެތަނަށް ދާއިމީ ޕްރިންސިޕަލަކު ހޯދަން އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާގައި އިއުލާން ކުރާނެ. އަޅުގަނޑުމެން އާއްމުކޮށް އަމަލު ކުރާ އުސޫލަކީ އެތަނުގެ އެންމެ ސީނިއާކޮށް ހުންނަ ލީޑިން ޓީޗަރަކު ނޫނީ އެޑްމިނިސްޓްރޭޓަރެއް ހުންނަންޏާ އޭނާއާ ވަގުތީ ގޮތުން ހަވާލު ކުރަނީ. އެގޮތަށް މިހާރު އެތަނުގެ ލީޑިން ޓީޗަރަކާ ހަވާލުކޮށްފަ އޮންނާނީ،" އަހުމަދު އަލީ ވިދާޅުވިއެވެ.

comment ކޮމެންޓް