ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލުމަށް މޭ ހަވަނަ ދުވަހު ދިން ހަމަލާއަށް ފަންޑުކުރި ބަޔަކު ތިބޭނެކަން ޔަގީންވެލައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ މޭ 6 ކޮމިޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ހަމަލާ ދިނުމަށްޓަކައި ފަންޑުކުރި ބަޔަކު ތިބޭނެކަމަށެވެ. އަދި ފަންޑުނުކުރާނަމަ އެފަދަ ހަމަލާއެއް ދެވޭނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
"އެމީހުން އެޕާޓްމަންޓެއް ހިފާފައި އެބައޮތް، ސައިކަލެއް ގަނެފައި އެބައޮތް. ކާކުތޯ މި ފައިސާ ދިނީ." އަފީފް ވިދާޅުވިއެވެ.
ހަމައެއާއެކު ސަަރުކާރުން ކޮވިޑުގެ ހާލަތުގައި ދިން އިންކަމް ސަޕޯޓު އެލަވަންސް އެ ހަަމަލާގެ ބައިވެރިންގެ ތެރެއިން ހަތަރު މީހަކު އޮޅުވާލައިގެން ހޯދައިފައިވާއިރު އެކަން ފާހަގަނުވީ ކީއްވެތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
"ދެން މިހާތަނަށް ފަންޑުކުރި ފަރާތެއްގެ ގޮތުގައި އަޅުގަނޑު ދެކޭ ފަރާތަކީ ތި ފަރާތް [އިންކަމް ސަޕޯޓް އެލަވަންސް ދޫކުރި މީހުން]،" އަފީފް ވިދާޅުވިއެވެ.
މީގެ ކުރިން އަފީފް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ތިން މިލިއަން ޑޮލަރުގެ "ޓާސްކެއް" ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް ވިދާޅުވެފައެވެ.
އަފީފް މިހެން ވިދާޅުވެފައިވީ ނަމަވެސް ފުލުހުން ވަނީ މި ހަމަލާއަށް ފަންޑުކުރި މީހަކު ހުރިކަމަށް ތަހުގީގަށް ފާހަގަވެފައިނުވާކަމަށް ބުނެފައެވެ.