މައްޗަންގޮޅި ސަހަރާ ބިމުގައި 15 ބުރީގެ ޕާކިން އިމާރާތެއް އަޅަން ނިންމަނީ

މައްޗަން ގޯޅި ސަހަރާ ކައިރީގައި ހަދާފައިވާ ޕާކިން ޒޯން: ސަން ފޮޓޯ/ އަހުމަދު ސާއިލް އަލީ

މާލެ ސިޓީއަށް ކުރިމަތިވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މައްޗަންގޮޅީގައި ފަނަރަ ބުރީގެ މިކްސް ޔޫސް ޕާކިން އިމާރާތެއް އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމާއި ބެހޭގޮތުން މައްޗަންގޮޅީގައި ބޭއްވި އާންމު މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މައްޗަންގޮޅީގައި އަޅަން ނިންމާފައިވާ ޕާކިން އިމާރާތުގެ ސަބަބުން އިތުރު ވަޒީފާތައް އުފެދި، އަދި ވިޔަފާރިތަކަށްވެސް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖާގަ އުފެއްދެން ހުރީ މަތިމައްޗަށް ކަމުގައިވާއިރު، ދައުލަތާއި ކައުންސިލްގެ ބަޖެޓުން ހަރަދު ނުކޮށްވެސް އެކަން ކުރެވޭނެ ކޮންމެވެސް ގޮތެއް ހޯދައިގެން ނޫނީ މައްސަލަ ހައްލު ނުކުރޭވެނެ ކަމަށެވެ.

"މައްޗަންގޮޅީގައި ގާތްގަނޑަކަށް ފަނަރަ ބުރީގެ މިކްސް ޔޫސް ޕާކިން އިމާރާތެއް އަޅަން ނިންމާފަ މި އޮތީ. އޭގެ ތެރެއިން ގްރައުންޑް ފްލޯ މިސާލަކަށް ފިހާރަ ތަކަށް ދޫކޮށްލާފަ، ދެން ގާތްގަނޑަކަށް ހަ ބުރި އެއީ ޕާކިން ފްލޯ ތަކަށް ހަދާފަ ދެން ގާތްގަނޑަކަށް ތިން ހަތަރު ފްލޯ އެއީ އޮފީސް ނޫނީ ކޮންވެންޝަނަލް ޔޫސް ވިޔަސް އެފަދަ ބޭނުން ތަކަށް ބޭނުންކުރާ ފްލޯ ތަކަކަށް ހެދިދާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ޕާކިން އިމާރާތް އަޅަން ގަސްތު ކުރައްވަނީ މައްޗަންގޮޅީ ސަހަރާ ހުރި ބިމުގައި ކަމަށެވެ. ނަމަވެސް އެކަން ކުރައްވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ސަހަރާ ހުރި ބިމުގައި އިމާރާތް އަޅަން ރައްޔިތުން ނުރުހޭ ނަމަ، ސަރުކާރަށް ދޫކޮށްފައި ހުރި އެހެން ބިންތައްވެސް މައްޗަންކޮޅީގައި އެބަހުރި ކަމަށެވެ.

އޯގަސްޓް 5، 2021: މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިސާލަކަށް މި ޕާކިން އިމާރާތް ސަހަރާ ހުރި ބިމުގަ އަޅާނަމަ އަޅުގަނޑުމެން ހިސާބު ޖަހާލާއިރު ގާތްގަނޑަކަށް ހަތަރު ފްލޯއަށް އެކަނި ބަލައިފި ނަމަ ސަތޭކަ ފަންސާސް ކާރު އަދި ގާތްގަނޑަކަށް ތިން ސަތޭކަ ވަރަކަށް ސައިކަލަށް ޖުމުލަ ހަ ފްލޯ ތެރޭގަ ކްރިއޭޓް ކުރެވޭނެ. އަދި އެއަށްވުރެ ވެސް އިތުރު ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕާކިން މައްސަލައަށް ހައްލެއް ގެންނަން ޖެހޭއިރު އިންވެސްޓްމެންޓެއް އައިސްގެން ނޫނީ އެފަދަ އިމާރާތެއް ހެދޭކަށް ނޯންނާނެ ކަމަށާއި އެހެންކަމުން އިމާރާތް ހަދަން ކުރެވޭ ހަރަދު އަނބުރާ އިމާރާތުން ލިބޭ ފަދަ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން މައްޗަންގޮޅީ އަވަށުގެ އިތުރުން މާލޭގެ ބައެއް އެހެނިހެން ސަރަހައްދުތަކުގައިވެސް މިފަދަ ޕާކިން އިމާރާތްތައް އަޅަން އިންވެސްޓަރުންނަށް ހުޅުވާލާނެ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގައި ސަރުކާރާއި އަދި ކަމާ ގުޅުން ހުރި ދާއިރާ ތަކުގެ ފުރިހަމަ އެއްބާރުން ލިބިގެން ނޫނީ އެންމެ އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުންވެސް ވަނީ ތޮއްޖެހުން ކުޑަކުރުމަށްޓަކައި މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބަހައްޓާފައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ދޫކޮށްލާފައި ބެހެއްޓުމުގެ ސަބަބުން ދަބަރަށް ވެފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ސިސްޓަމްތައް ނެގުމަށްފަހު ތަން ސާފު ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން މައްޗަންގޮޅި ސަހަރާގައި ޕާކިން އިމާރާތެއް އަޅަން ނިންމާއިރު، މިހާރުވެސް ސަހަރާގެ ހުޅަނގު ފަރާތުގައި ޕާކިން ޒޯނެއް ހަދާފައި އެބަ އޮތެވެ.

comment ކޮމެންޓް