ރާއްޖެ އާއި ދިވެހިންނަށް އެންމެ ލާބަ ހުރި ގޮތަކީ ދިވެހިވަންތަ ބިންގަލެއްގައި ތައުލީމު ބިނާ ކުރުން ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އުގެއިލް މިހެން ވިދާޅުވީ ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހި ގައުމަށާއި ދިވެހިންނަށް އެންމެ ލާބަ ހުރި ގޮތަކީ ތައުލީމީ ހުރިހާ ކަމެއް ދިވެހިވަންތަ ކަމުގެ ބިންގަލުގެ މަތީގައި ބިނާ ކުރުން،" އުގެއިލް ވިދާޅުވިއެވެ.
އެ މެސުޖުގައި އުގެއިލް ވިދާޅުވި ގޮތުގައި ތައުލީމެއްގެ ބޭނުމަކީ ވިސްނަން ދަސްކޮށްދިނުމެވެ. އަދި ވިސްނައިގެން ލިބޭ ނަތީޖާގެ މައްޗަށް ބިނާކޮށް، ހަރުދަނާ ގައުމެއްވެސް ބިނާ ކުރުމެވެ.
އެގޮތުން ދަރިވަރުންނަކީ ކަންކަމާ މެދު އާ ގޮތްގަތަށް ވިސްނާ، އުފެއްދުންތެރި ނަތީޖާތައް ނެރެވޭ، ހުނަރުވެރި އަދި ބިނާ ކުރުވަނިވިގޮތަކަށް ކަންކަމަށް ނަޒަރު ހިންގާ، ފުންކޮށް ކަންކަން އަޅާ ބަލާ، މައްސަލަތައް ހައްލު ކުރުމުގެ ގާބިލުކަން ލިބިފައިވާ ކުދިންނަށް ވާން ޖެހޭ ކަމަށް މި ޒަމާނުގެ ތައުލީމީ ފަލްސަފާއިން ބުނާ ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ.
ނަމަވެސް ތައުލީމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުންނާއި ދައުލަތުން ކުރާ މަސައްކަތުން ފެންނަމުން ދަނީ ރަނގަޅު ނަތީޖާއެއްތޯ ސުވާލު ކުރަން ޖެހޭ ކަމަށްވެސް އުގެއިލް ވިދާޅުވިއެވެ. އަދި އޭނާ ދެކެވަޑައިގަންނަވާގޮތުގައި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ތައުލީމާ ގުޅުން ހުރި ހުރިހާ ކަމެއް ދިވެހިވަންތަ ބިންގަލެއްގެ މައްޗަށް ބިނާ ކުރުން ކަމަށް ވިދާޅުވެފައެވެ.
comment ނަބީހް
4 year 6 month ago
ޕްރޮފެސަރ އުގެއިލެވެ. މި ތަނަކީ މިއީ ދިވެހި އިސްލާމީ ޤައުމެއް ނޫނެވެ. އެގޮތަށް ވިސްނުން ބަހައްޓަންޏާ އޭގެ ކޮންސެޕްޓަކީ 'އަލް އިސްލާމް' ގައި ދިވެހި ވައްތަރު ޖެއްްސުމެވެ.އެއީ އިސްލާމީ ޝަރިއްޔަތުން ބޭނުން އެއްޗެއް ނަގާފާ ބޭނުން ނުވާ އެއްޗެހި ދޫކޮއްލާ އުސޫލެވެ. އެއީ ގޯހެކެވެ. އެއީ ﷲ ގެ ކިޔަމަންތެރިކަމުން ބޭރުވެ ޝިރުކު ކުރުމެވެ. ދަންނަވަން މިއުޅޭ އެއްޗަކީ މި ޤައުމަކީ އިސްލާމީ ދިވެހި ޤައުމެއް ކަމުގައެވެ. އޭގެ ކޮންސެޕްޓަކީ ދިވެހިންގެ ކިބައިގައި 'އަލް އިސްލާމް'ގެ ބިންގާ މިއެވެ.ތައުޙީދުގެ މަތީގާ ތަޢުލީމީ ހުރިހާ މުޤައްރަރެއް އެކަށައެޅުމެވެ. ދިވެއްސަކަށް ބަލާލީމާ އެތެރެފުށާއި ބޭރުފުށުން ވެސް އަލް އިސްލާމް ގެ ސިފަތަށް ފެނުމެވެ. އެއްވެސް ހާލެއްގާ އެއީ ކާބަފައިންގެ ބައެއް ޚުރާފީ އަޘަރު ތަކަށް ތަބާވެގެން އިސްލާމްކަމުގާ ދިވެހި ވައްތަރު ޖެއްސުމެއް ނޫނެވެ.