ޖައްވަށް ބޭރުކުރާ ވިހަ ގޭސް ދަށްކުރަން އަވަސް ހައްލެއް ހޯދަންޖެހޭ: އައިޕީސީސީ

އޮގަސްޓް 1، 2021: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން ދަށްކޮށް، މިހާރުން މިހާރަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި ކަޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްނުވެވޭނެ ކަމަށް، އިންޓާ ގަވަމެންޓަލް ޕެނަލް އޮން ކަލްއިމެޓް ޗޭންޖް (އައިޕީސީސީ) އިން ރިޕޯޓެއްގައި ބުނެފިއެވެ.

އައިޕީސީސީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިވަގުތު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ހުރީ ގާތްގަނޑަކަށް އަހަރަކު 40 ޓަނުގައެވެ. އަދި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެވެރެޖްކޮށް އަހަރަކު އެވަރަށް ޖައްވަށް ވިހަ ގޭސް ބޭރުކުރާނަމަ، ކުރިއަށް އޮތްތަނުގައި 1.5 ޑިގްރީއަށްވުރެ މައްޗަށް ދުނިޔޭގެ ފިނިހޫނުމިން އަރައިގެންދާނެކަމަށް ބުނެފައިވެއެވެ.

އެގޮތުން ވިހަ ގޭހުގެ ސަބަބުން ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މި ގަރުނުގެ ތެރޭގައި ހުއްޓުމެއްނެތި އުފުލެމުން އަންނަކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި ޖަޒީރާ ރަށްތަކުގެ ގޮނޑުދޮށްތައް ގިރާ މިންވަރު އިތުރުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިކަންކަމަށް ރިއާޔަތްކޮށް އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، އިގްތިސާދީ އިތުރު ކާރިސާތަކުން އަރައިގަތުމަށް ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

"މޫސުމަށް އަންނަ ބަދަލުތަކަކީ އަބަދުވެސް ރާއްޖެއަށް އޮތް ނުރައްކަލެއް. މިކަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ވަގުތު އައިސް ޖެހުނީ އިއްޔެ. ނަމަވެސް ވަގުތު ފާއިތުވެ މިހާރު މިކަމަށް ހައްލެތް ހޯދަން އަދި މިއަދުވެސް މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް. އިގްތިސާދީ އަދި ސިއްހީ އިތުރު ކާރިސާއަކުން ދުރުވުމަށް ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް މަދުކުރަން މަސައްކަތްކުރަންޖެހޭ،" ޝައުނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތައް މީގެ ކުރިން، ކޮންމެ 100 އަހަރަކުން އެއް އަހަރަކު ފެނުނު ކަމުގައިވީނަމަވެސް، މި ވަގުތުގެ އަންދާޒާތަކުން އެފަދަ ކާރިސާތައް މި ގަރުނުގެ ފަހުކޮޅުގައި، އަހަރަކު އެއް ފަހަރު އަންނާނެ ކަމަށް އައިޕީސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދެ ޑިގްރީސް ސެލްސިއަސްގައި ދުނިޔޭގެ ފިނިހޫނުމިން ހުންނަނަމަ، ޖައްވު ހޫނުވުމުގެ ސަބަބުން ނިކުންނަ ކާރިސާތައް އިތުރުވެ، ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރު އިތުރުވާނެއެވެ. އަދި ދަނޑުތައް ހަލާކުވުމުގެ ސަބަބުން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށްވެސް ދަތިވުން އެކަށީގެންވެއެވެ.

އެހެންނަމަވެސް ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި ހަލުވިކަމާއެކު އެކަށީގެންވާ މިންވަރަށް ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރު މަދުކުރެވިއްޖެނަމަ، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރެވޭނެކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އޭގެ ނަތީޖާ ފެންނަން މަދުވެގެން 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

comment ކޮމެންޓް