މެކްސިކޯ އާއި ޖަރުމަންވިލާތުގެގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
މެކްސިކޯއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ފެޑެރިކޯ ސަލަސް ލޮފްޓް އާއި ޖަރުމަނުގެ ސަފީރު ހޮލްގާ ލޯތާ ސިއުބާޓް މިއަދު ރައީސާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި އެ ބޭފުޅުން ވަނީ ކޮވިޑްގެ ހާލަތު މިހާރު އޮތް ގޮތާއި ވެކްސިން ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި އެގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ވާނެ ކަމަށް ތިން ބޭފުޅުންވެސް ވިދާޅުވިއެވެ.
ޖަރުމަންވިލާތުގެ ސަފީރު ސިއުބާޓް އާއި ރައީސްގެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ މަސްވެރިކަމާއި އިގުތިސާދާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން، ލޮފްޓާ ވާހަކަ ދައްކަވަމުން ރައީސް ވަނީ ކޮވިޑް-19އާ ހެދި ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު މިހާރު ގައުމު އަލުން ފަތުރުވެރި ކަމަށް ހުޅުވާލާފައިވާކަން ފާހަގަ ކުރައްވާފައެވެ.
އަދި ލޮފްޓް ވަނީ މެކްސިކޯގެ ގިނަ ބަޔަކު ރާއްޖެއަށް އަންނަން ޝައުގުވެރިވާކަމަށާއި އެގައުމުގެ ގިނަ އަދަދެއްގެ މީހުން މިހާރުވެސް ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އެ ދެ ބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމާއި ދެ ގައުމުން ގުޅިގެން ކުރެވެހެން ހުރި އެހެން މަސައްކަތްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.