ގަވާއިދާ އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރަން ސަމާލުވޭ: މިނިސްޓަރު

އޭޕްރީލް 28، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ބަޔަކަށް ހެދުމަށް އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ގުޅިގެން ފެށި "އައިއެމް ވެކްސިނޭޓެޑް" ކެމްޕެއިން ފެށުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމުގައި ސަމާލުވުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެ އެކަނިވެސް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ސައުތު އޭޝިއާ އަށް ނިސްބަތްވާ ނުވަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ހަ މީހުންނާއި އިންޑިއާގެ ރައްޔިތަކާއި ސްރީލަންކާގެ އެކަކު އަދި ނޭޕާލަށް ނިސްބަތްވާ އެކަކެވެ.

އެހެންކަމުން ކޮވިޑުގެ ނުރައްކާ ނެތްކަމަށް ބަލަން އަދި މާ އަވަސް ކަން ފާހަގަކުރައްވައި، "އިންތަކާއި މިންތަކާ" އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް ސަމާލުވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް-19 ގެ ކޭސްތައް ދަށްވުމާއެކު ކޮވިޑާ ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ލުއިދީފައިވާއިރު، އެއްވެސް ޝަރުތަކާ ނުލައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ރިސޯޓުތަކާއި ސަފާރީތަކަށް ޒިޔާރާތްކުރެވޭނެއެވެ.

ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިނުވާ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަރަށުގައި ރަޖިސްޓްރީ ކޮށްފައިވާ ގެސްޓުހައުސްތަކަށް ޒިޔާރާތްކުރެވޭނީ، އެ ރަށެއްގެ ވެކްސިން ޖެހޭ އާބާދީގެ 60 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ނަމައެވެ.

އަދި އެ ގެސްޓުހައުސްއެއްގެ މުވައްޒަފުންގެ 95 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުގެ އިތުރުން، އެ ރަށެއްގެ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ނަމައެވެ.

ނަމަވެސް ގަވާއިދާ ހިލާފަށް ބައެއް ފަރާތްތަކުން ގެސްޓްހައުސްތަކުގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތްދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

އެގޮތުން ގެސްޓުހައުސްތައް އިންސްޕެކްޓުކުރަން ޓޫރިޒަމް މިނިސްޓްރީން ފަށާފައިވާއިރު، ގަވާއިދާ ހިލާފަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހިދުމަތްދިން ބައެއް ގެސްޓުހައުސްތައް އެ މިނިސްޓްރީން ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.

ގަވާއިދުގައި ވާގޮތުން މާލެ ސަރަހައްދުގައި ހިންގާ ގެސްޓްހައުސްތަކުގައި ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ގިނަވެގެން 48 ގަޑިއިރަށެވެ.

comment ކޮމެންޓް