މިދިޔަ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަހުމަދު ފާތިހު، ލ. ގަން، ދުންފިނިއުފާ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ފާތިހު ބަންދުން ދޫކޮށްލާފައިވަނީ އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރަން ނިންމުމާއި ގުޅިގެންނެވެ.
"ފާތިހު ހައްޔަރުކޮށްފައި ހުރީ ހައެއް މޭ ގައި ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައިކަމަށްވެފައި، އެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ ނިންމުމާއި ގުޅިގެން މިހާރު ވަނީ ދޫކޮށްލާފައި،" ފުލުހުން ބުންޏެވެ.
މޭ ހައެއް ހަމަލާއާ ގުޅިގެން ފާތިހުއަށް ވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ފަރާތްތަކަށް އެހީތެރިވެދިން ކަމުގެ ތުހުމަތު ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މޭ 19 ވަނަ ދުވަހު ބ. ދަރަވަންދޫއިންނެވެ.
ފުލުހުންގެ ވަޒީފާގައި ކުރިން އުޅުނު ފާތިހުއަށް މޭ ހައެއް ހަމަލާއާ ގުޅިގެން ދައުވާކުރެވެން އަދި ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ފުލުހުން ދައުވާ ކުރަން އެދުނު ފަސް މީހުންގެ ތެރެއިން ޕީޖީއިން ދައުވާ ނުކުރަން ނިންމީ ހަމައެކަނި ފާތިހުއަށެވެ.
އެއީ މިހާތަނަށް ލިބިފައި ހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް އަދި ފާތިހުގެ މައްޗަށް ކުރާ ތަހުގީގު އަދި ނިމިފައި ނުވާތީވެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އޯގަސްޓް 3 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފަ ހުރި ހެކިތަކާ މިހާތަނަށް ލިބިފަ ހުރި މައުލޫމާތަށް ބަލާއިރުގަ މިވަގުތަށް އަޅުގަނޑުމެން ދައުވާއެއް ނުކުރަން ނިންމައިގެން މިއުޅެނީ، ދެން އޭގެ ތަފްސީލުތަކަށް ދާކަށް ނެތިން،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.
އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތީ ފާތިހުގެ ތަހުގީގު އަދި އެއްކޮށް ނިމިފައިވާ ނުވާތީ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. ތަހްގީގް އެއްކޮށް ނިމުމާއިއެކު ދައުވާ ކުރާނެކަން ނުވަތަ ނުކުރާނެކަން ހާމަ ކުރާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އަދި މި މައްސަލައިގެ ތަހުގީގެއް އަދި މުޅިއަކުން ނުއެއް ނިމޭ، އަދި ފާތިހުގެ ފަރާތުންވެސް ހޯދަން ޖެހޭ ބައެއް މައުލޫމާތުތައް އެބަހުރި. އަދި ފާތިހުގެ ބައެއް މައުލޫމާތުތައް އަދި އަޅުގަނޑުމެންނަށް މުޅިން ފައިނަލައިޒްއެއް ނުވޭ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.