ޗެނަލް 13 އިން ގެނެސްދިން "ހަޖަމް" ޕްރޮގްރާމްއާ ގުޅޭ މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފަށައިފިއެވެ.
ބްރޯޑްކޮމް އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ޗެނަލް 13 އިން ރޭ ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ ކޮންޓެންޓްއާ ގުޅޭ މައްސަލައެއް އެ ކޮމިޝަންގެ ސަމާލްކަމަށް އައިސްފައިވާކަމަށެވެ. އަދި އެ ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާއަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
މީގެ އިތުރަށް ހުރިހާ ބްރޯޑްކާސްޓަރުންވެސް، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އަދި އުސޫލުތައް ހިފެހެއްޓުމަށްވެސް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރި ވެފައެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ބްރޮޑްކޮމްގެ ރައީސް މަރްޔަމް ވަހީދާ (މަރީ) ވިދާޅުވީ، ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ޗެނެލް 13 ގެ ޕްރޮގްރާމުގެ މައްސަލަ ބަލަން އާދީއްތަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ ރޭގެ 'ހަޖަމް' ޕްރޮގްރާމްގައި އެއީ ވެރިފައި ނުކޮށް ދެއްކި ވާހަކައެއް ކަމަށް. ފާހަގަ ކުރެވިގެން އަޅުގަނޑުމެން ސަންޑޭގަ ވަރަށް އާލީ މޯނިންގް އަށް ޓޭބަލް ކޮށްފަ އޮންނާނީ އެ ކޭސް،"
މަރީ ވިދާޅުޅުވީ، ކޯޑް އޮފް އެތިކްސް އަށް ބެލުމަށްފަހު، ޗެނަލް 13 އިން އެތިކްސްއާ ހިލާފުވެފައި ވަނީ ކިހާވަރަކަށް ތޯ އާއި ކޮން މާއްދާއެއްގެ ދަށުން ކަން ބަލާނެކަމަށެވެ.
ފިޔަވަޅު އަޅާނީ އެ ކަންތައްތަކަށް ބެލުމަށް ފަހުގައި ކަމަށާއި 'ކޮންސާންޑް ކޭސް' އެއް ގޮތަށް އާދީއްތަ ދުވަހު އެކަން ބަލާނެ ކަމަށް މަރީ ވިދާޅުވިއެވެ.
ޗެނަލް 13 ގެ 'ހަޖަމް' ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން އާއްމުންގެ ޝަކުވާ ވަރަށް ބޮޑަށް ބްރޮޑްކޮމްއަށް ލިބިފައިވާ ކަމަށް މަރީ ވިދާޅުވިއެވެ.
މަރީ ފާހަގަ ކުރެއްވި ގޮތުގައި 'ކޯޑް އޮފް އެތިކްސް' އަކީ މިހާރު ކޮމިޝަނުން ވަރަށް ބޮޑަށް ބަލާ ކަމެއް ކަމަށާއި، މިކަމުގައި ނިންމާގޮތެއް ނުވަތަ ފިޔަވަޅެއް އަޅައިފިނަމަ އެ އަޅާ ފިޔަވަޅެއް ޗެނަލް 13 އަށް އަންގާނެ ކަމަށެވެ. އަދި ބްރޮޑްކޮމްގެ ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް މަރީ ވިދާޅުވިއެވެ.
ޗެނެލް 13 ގެ "ހަޖަމް" ޕްރޮގްރާމްގައި ވަނީ ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއި ގުޅޭ ގޮތުން ރޭ ވާހަކަދައްކާފައެވެ.