އޮފީސްތަކަށް މުވައްޒަފުން ހާޒިރުވެގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފި

މޭ 25، 2021: މާލޭގެ މަގެއް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ޕްރައިވެޓް އޮފީސްތަކަށް މުވައްޒަފުން ނެރެގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އިން މިގޮތަށް ހުއްދަ ދީފައި މިވަނީ މިހާރު ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދޭން ނިންމާފައިވާ އިތުރު ލުއިތަކެއް އާންމުކޮށްފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގާ ޕްރައިވެޓް އޮފީސްތަށް ހުޅުވައިގެން މަސައްކަތްކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ.

ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އޮފީސް ތަކަށް ހާޒިރު ވެގެން ހިދުމަތް ދިނުމުގެ ހުއްދަ ނިން ނަމަވެސް ކުރިއެކޭ އެއްގޮތަށް އޮފީސް ތަކުން ހިދުމަތް ދިނުމުގައްޔާއި އޮފީސް ތަކުގައި މަސައްކަތް ކުރުމުގައި މުވައްޒަފުން ކޮވިޑުން ރައްކާތެރި ވުމަށްޓަކައި ކުރަން ޖެހޭ ކަންކަން އޮފީސް ތަކުން ޔަގީން ކޮށްދެއްވަން ޖެހޭނެ ކަމަށެވެ.

"ނަމަވެސް ކުރިއެކޭ އެއްގޮތަށް އޮފީސް ތަކުން ޚިދުމަތް ދިނުމުގައްޔާއި އޮފީސް ތަކުގަ މަސައްކަތް ކުރުމުގަ މުވައްޒަފުން ކޮވިޑުން ރައްކާތެރި ވުމަށް ކުރަންޖެހޭ ކަންކަން އޮފީސް ތަކުން ޔަގީން ކޮށްދެއްވަން ވާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އޮފީސްތަކުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ބެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނާތީ މިއަދު ވަނީ އިތުރު ލުއިތަކެއްވެސް ދީފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގާ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ދިނުމުގެ އިތުރުން ކެފޭ ރެސްޓޯރެންޓް ފަދަ ކާބޯ ތަކެތީގެ ހިދުމަތް ދޭ ތަންތަންވެސް އާންމު އުސޫލުން ހިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފައެވެ.

comment ކޮމެންޓް