ސްރީލަންކާއިން މުދާ ގެނައުމަށް ކޮޗިން ފެރީ ބޭނުންކުރުމުގެ ހުއްދަ އިންޑިއާއިން ދީފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު "ސަން" އަށް ވިދާޅުވީ، ކޮޗިން ފެރީ ލަންކާ ރޫޓުން ކުރާ ފުރަަތަމަ ދަތުރަށް ރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާފައިވާ ކަމަށެވެ.
"މި މަހު ހައެއް، ހަތެއް ހިސާބުގައި ކޮޗިން ފެރީ ލަންކާއަށް ފޯރާނެ. އަދި ފެރީ އިންޑިއާއަށް ލަފާނީ އަށްވަނަ ދުވަހު." ސައީދު ވިދާޅުވިއެވެ.
ކޮޗިން ފެރީގެ ދަތުރަށް އައި ބަދަލާއެކު ރާއްޖެއިން ފުރައިގެން ކޮޗިންއަށް އެ ފެރީ ދަތުރުކުރާނީ ކޮލޮމްބޯއަށް ދިއުމަށްފަހުކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ބަދަލާއެކު ދިވެހި ވިޔަފާރިވެރިންނަށް ނުސީދާ ގޮތެއްގައި ފައިދާތަކެއް ކުރާނެކަމަށެވެ.
"ކޮލޮމްބޯ ރޫޓުން އަންނަ ބޯޓުފަހަރު މަދުވެފައި އޮތް ދުވަސްވަރެއްގައި އެ ރޫޓުގައި ކޮޗިން ފެރީ ބޭނުން ކުރެވުމުގެ ފައިދާ ވިޔަފާރިވެރިންނަށް ލިބޭނެ،"
"ހިދުމަތްތައް ހުއްޓުމަކަށް އައުމާއި ކޮލޮމްބޯގައި މުދާ ނުގެނެވި ތާށިވުން ފަދަ ކަންކަން ހައްލުވާނެ،" ސައީދު ވިދާޅުވިއެވެ.
ލަންކާއިން ރާއްޖެއަށް މުދާ ގެނައުމުގައި ކޮޗިން ފެރީ ބޭނުންކުރުމުގެ ހުއްދައަށް އެމްއެސްއެސްއިން އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި އެދުނީ މިއަހަރުގެ ޖޫން މަހުގައެވެ.
އެކަން ކޮށްދިނުމުގައި ހައިކޮމިޝަނުން ލިބުނު އެއްބާރުލުމަށް ފާހަގަކުރައްވައި ސައީދު ވަނީ ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވާފައެވެ.