މިޔަރު މަސްވެރިކަމުގެ މައްސަލައެއްގައި މަހިބަދޫ ކައުންސިލްގެ ޑިރެކްޓަރު ޖޫރިމަނާކޮށްފި

މިޔަރު އުރަހަތަކެއް--

އދ. އަތޮޅު ސަރަހައްދަކުން މިޔަރު މަސްވެރިކަން ކުރި މައްސަލައެއްގައި އދ. މަހިބަދޫ ކައުންސިލުގެ ޑިރެކްޓަރު ޖޫރިމަނާކޮށްފިއެވެ.

އޭނާ ޖޫރިމަނާ ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އދ. އަތޮޅުގެ ސަރަހައްދަކުން މިޔަރުގެ މަސްވެރިކަން ކުރަމުންދަނިކޮށް ހުއްޓުވި މައްސަލައަކާ ގުޅިގެންނެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ސީނިއާ ކޮމްޕްލަޔަންސް އޮފިސަރު ހުސައިން ޒަމީލް "ސަން" އަށް ވިދާޅުވީ، އެ މައްސަލައިގައި މިޔަރުގެ މަސްވެރިކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ވެރިފަރާތް 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭ ފަރާތުގެ ނަން މިނިސްޓްރީން ހާމަ ނުކުރާތީ، ވެރި ފަރާތުގެ ނަން ވިދާޅުނުވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގަ ޖޫރިމަނާކޮށްފައިވަނީ މަހިބަދޫ ކައުންސިލުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ފާއިޒުއެވެ. ފާއިޒު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ ޖޫރިމަނާކުރީ ދޯނީގެ ވެރިފަރާތަށް ވާތީކަމަށާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާނެކަމަށެވެ. އަދި އެކަން ކުރީ ކޮންބައެއްކަން ވެސް އޭނާއަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދޯނިން ފޭބިތާ ދެ ދުވަސް ފަހުން ފުލުހުން ގުޅާފައި ބުނީ ދޯނީގައި ގަވާއިދާ ހިލާފު ކަންތައްތަކެއް އެބަހުއްޓޭ، އައިސްދޭށޭ. އަޅުގަނޑު ދިޔައިރު ދޯނީގައި ހުރި ބައިވަރު މިޔަރު އުރަހަ. ދެން އަޅުގަނޑު ދެންނެވިން ދޯނިން އެންމެ ފަހުން ފޭބިއިރު ނެތޭ މިޔަރު އުރަހަތަކެއް. އަދި އޭގެ ފަހުން އެވަގުތު ތިބި ފުލުހުން ފިޔަވައި އިތުރު ބަޔަކު ދޯންޏަށް އެރިކަމެއް ވެސް އެނގިފައެއް ނުވޭ." ފާއިޒު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ ދޯންޏަކީ ޓްރާންސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ. އަދި ފިޝަރީޒް މިނިސްޓްރީއިން އެއްވެސް ލައިސެންސްއެއް ނުވަތަ ހުއްދައެއްވެސް ނަގާފައިވާ އުޅަނދެއް ނޫން ކަމަށް މިނިސްޓްރީން ބުނެއެވެ.

"އެ ދޯނީގައި ޖަހާފައި ހުރި ރަޖިސްޓްރީ ނަންބަރެއް. އެކަމަކު ހަމަ އެ ނަންބަރުގައި އެހެން ދޯންޏެއް ދުއްވަމުންދަނީ. މީހެއްގެ ބެލުމުގެ ދަށުގައި އޮތް، ރަޖިސްޓްރީ ނުކުރާ އުޅަނދެއް އެއީ." ޒަމީލް ވިދާޅުވިއެވެ.

އެހެން ނަމަވެސް ފާއިޒު ވިދާޅުވީ އެ ދޯނި ގަތީ ރަޖިސްޓްރީއަކާ އެއްކޮށްކަމަށާއި މިނިސްޓްރީން ބުނާ ނަންބަރަކީ ގަތްއިރު ދޯނީގައި ޖަހާފައި ހުރި ނަންބަރެއްކަމަށެވެ. އަދި ރަޖިސްޓްރީ އޮތްތޯ ނުވަތަ ނެތްތޯއާއި އެކަމާ ގުޅޭގޮތުން މިނިސްޓްރީން އޭނާއާ ސުވާލު ނުކުރާކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.

މި މައްސަލައިގެ ނިންމުމާ މެދު ޝަކުވާއެއް އޮތްނަމަ އެކަން އަންގަން މިނިސްޓްރީއިން ފުރުސަތު ދިނުމުން މި މައްސަލަ އިތުރަށް ދިރާސާކޮށްދީ، އަދުލުވެރި ނިންމުމެއް ނިންމައިދިނުމަށް އެދިފައިވާނެ ކަމަށް ފާއިޒު ވިދާޅުވިއެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރުއެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓުކުރުންވެސް ވަނީ މަނާކޮށްފައެވެ.

އޭރު އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެންމެ މިޔަރަކުން ރާއްޖޭގެ އިގްތިސާދަށް އަހަރަކު 3300 ޑޮލަރު ވަދެއެވެ. އެއީ ޓޫރިޒަަމް އިންޑަސްޓްރީއިންނެވެ. ނަމަވެސް، ހިފާ ކޮންމެ މިޔަރަކަށް މަސްވެރިޔާއަށް ލިބޭނީ 32 ޑޮލަރުގެ ފައިދާއެވެ.

މިޔަރު މަސްވެރިކަން މަނާ ކުރިއަސް ގަވައިދާ ހިލާފަށް އެކަން އަދިވެސް ކޮންމެވެސް ވަރަކަށް ކުރެއެވެ. އެގޮތުން ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ މި އަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވެއެވެ.

comment ކޮމެންޓް