ފޭކް ޕީސީއާރް ޓެސްޓުތަކެއްގެ މައްސަލައެއް ނެތް: ހެލްތު މިނިސްޓްރީ

ޖުލައި 15، 2021: އެޗްޕީއޭގެ ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ފަޔާޒް މޫސާ

ފޭކް ނެގެޓިވް ޕީސީއާރް ޓެސްޓްތަކެއްގެ އެއްވެސް މައްސަލައެއް މިވަގުތު މިނިސްޓްރީއިން ބަލަމުން ނުދާކަމަށް ހެލްތު މިނިސްޓްރީގެ ކޮލިިޓީ އެޝުއަރަންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވެއްޖެއެވެ.

ފޭކް ޕީސީއާރް ޓެސްޓުތަކެއްގެ މައްސަލަ ފެންމަތިވެފައިވާ ވާހަކަތައް ދޮގުކުރައްވާ ތަސްލީމާ "ސަން" އަށް ވިދާޅުވީ އެމައްސަލައަކީ މީގެ މާ ކުރީގެ މައްސަލައެއްކަމަށެވެ.

"އެއީ ވަރަށް ކުރީގެ އެއްޗެއް. ވަރަށް ކުރީގައި އަޅުގަނޑުމެން ބުނެފައި އިންނާނީ މީޑިއާގައިވެސް އެއިރުގައި އެ މައްސަލަ ރެކޮގްނައިޒް ކުރެވިގެން." ތަސްލީމާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު އެފަދަ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނެތްކަމަށެވެ. އަދި މިނިސްޓްރީއަށް ވެސް އެފަދަ މައްސަަލައެއް ހުށަހަޅާފައިނުވާކަމަށެވެ.

ތަސްލީމާ މިހެން ވިދާޅުވެފައިވާއިރު ބައެއް މީޑިއާތަކުން އަންނަނީ ފޭކް ނެގެޓިވް ޕީސީއާރް ޓެސްޓުތަކެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި ހެލްތު މިނިސްޓްރީގެ ސަމާލުކަމަށްވެސް މި މައްސަލަ އައިސްފައިވާކަމަށް ރިޕޯޓްކޮށްފައެވެ. ނަމަވެސް ތަސްލީމާ ވަނީ އެކަން ދޮގުކުރައްވާފައެވެ.

comment ކޮމެންޓް