މިންސްކް (އޮގަސްޓު 3): ޔޫކްރެއިންގައި ހުރި ބެލަރޫސްގެ އެކްޓިވިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށާއި އެއީ ގަސްތު މަރެއްގެ ތުހުމަތުގައި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ޔޫކްރެއިންގެ ފުލުހުން ބުނެފިއެވެ.
ބެލަރޫސްގެ ސަރުކާރަށް ފާޑު ކިޔުމުގެ ސަބަބުން އަދަބު ދީފާނެ ކަމުގެ ބިރަށް އެގައުމުން ފިލައިގެންދާ މީހުންނަށް އެހީތެރިވެދޭ ޖަމިއްޔާއެއްގެ ބާނީ ކަމަށްވާ ވިޓަލީ ޝިޝޮވް މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލުނުތާ އެއް ދުވަސް ފަހުންނެވެ.
ފުލުހުން ބުނި ގޮތުގައި ޝިޝޮވް ފެނުނީ ޔޫކްރެއިންގެ ވެރިރަށް ކިއެވްގެ ޕާކެއްގައި ދަން ޖެހިފައި ހުއްޓައެވެ. އަދި އެތަނުން އޭނާގެ ފޯނާއި އެހެން ތަކެތި ފެނިފައިވެއެވެ.
ޔޫކްރެއިންގެ ފުލުހުން ބުނި ގޮތުގައި ބަޔަކު ގަސްތުގައި ޝިޝޮވް މަރާލާ، އޭނާ އަމިއްލައަށް މަރުވީ ކަމަށް ދައްކަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި އެމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ޝިޝޮވް އަމިއްލައަށް އަރުވާލެވިގެން ޔޫކްރެއިންގައި ދިރިއުޅެން ފެށީ މިދިޔަ އަހަރު އެގައުމުގައި ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުގައި ބައިވެރިވުމަށް ފަހުއެވެ. އަދި އޭނާ ޔޫކްރެއިންގައި ދިރިއުޅެން ފެށި ފަހުން، އޭނާއަށް ރަހީނު ކުރުމާއި މަރުގެ އިންޒާރުތައް ލިބިފައިވާ ކަމަށާއި ބަޔަކު އޭނާއަށް ފާރަލާކަން އިހުސާސު ކުރެވޭ ކަމަށް ޝިޝޮވް ބުނެފައިވާ ކަމަށް އޭނާއާ ގާތް ފަރާތްތަކުން ބުންޏެވެ.
ޝިޝޮވް މަރުވެފައި އޮއްވާ ފެނުނީ، އޮލިމްޕިކް ގޭމްސްގައި ބައިވެރިވުމަށް ޖަޕާނަށް ދިޔަ ބެލަރޫސްގެ ދުވުންތެރިޔަކު ގަދަކަމުން އަނބުރާ ގައުމަށް ގެންދަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ބެލަރޫސްގެ ދުވުންތެރިޔާ ކްރިސްޓީނާ ޓިމަނޮވްސްކަޔާ ބުނި ގޮތުގައި އޭނާގެ ހުއްދައާ ނުލައި އޭނާ ގައުމަށް ގެންދަން މަސައްކަތް ކުރީ އެގައުމުގެ ކޯޗުންނަށް ފާޑު ކިޔުމުންނެވެ. އަދި އޭނާ ގައުމަށް ގެންދިޔަ ނަމަ އަދަބު ދޭނެ ކަމަށްވެސް ޓިމަނޮވްސްކަޔާ ބުންޏެވެ.
ބެލަރޫސްގެ އެތުލީޓުންނަށް އެހީތެރިވެދޭ ޖަމިއްޔާއަކުން ބުނި ގޮތުގައި ޓިމަނޮވްސްކަޔާ ވަނީ މިހާރު ޕޮލެންޑުގެ ހިމާޔަތަށް އެދިފައެވެ. އަދި އޭނާ ހުރީ ޓޯކިޔޯގައި ހުންނަ ޕޮލެންޑުގެ އެމްބަސީގައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.
ބެލަރޫސްގައި މިދިޔަ އަހަރު ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ބޭއްވީ އެގައުމުގައި އޮގަސްޓު މަހު ބޭއްވި ރިޔާސީ އިންތިހާބު ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުންނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ، ވެރިކަން ކުރައްވާތާ 26 އަހަރުވެފައިވާ ލުކަޝެންކޯ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އަދި އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފައެވެ.