ޔޫކްރޭންގައި ތިބި ހުރިހާ ދިވެހީން އެ ގައުމުން ބޭރަށް ދިއުމަށް ޓަކައި، ހަންގޭރީ ބޯޑަރާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއަށް ނާދެވި ޔޫކްރޭންގައި ބާކީ ތިބި ނުވަ ދިވެހީން އެ ގައުމުގެ ހުޅަނގު ބޯޑަރާ ދިމާލަށް މިހާރު ދަތުރުކުރަމުންދާ ކަމަށެވެ. ރޭލުގައި ފެށި މި ދަތުރަކީ 16-15 ވަރަކަށް ގަޑިއިރުގެ ދިގު ދަތުރެކެވެ.
އިއްޔެ ހަވީރު ޚަރްކީވްއިން ފެށި މި ދަތުރުގައި ނިފްރޯގައި ހުރި ދަރިވަރު ވެސް ވަނީ މިހާރު ބައިވެރިވެފައެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ދަރިވަރުން މިހާރު ތިބީ ބޯޑަރާ ވަރަށް ކައިރީގައި ކަމަށެވެ.
ޔޫކްރޭންގެ ބޯޑަރުތައް ބަންދުކުރުމުގެ ކުރިން ލިބުނު ފުރުސަތުގައި އެ ގައުމުގައި ތިބި ބައެއް ދިވެހި ދަރިވަރުން ރާއްޖެ އައެވެ. އަދި ހަނގުރާމަ ފެށިއިރު ނާދެވި ތިބި ކުދިންގެ ތެރެއިން 15 ކުއްޖަކު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ޔޫކްރޭނާއި ރަޝިއާއާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާއިރު ބެލަރޫސްއާއި ރަޝިއާގައި ތިބި ދިވެހީން ވެސް ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބެލަރޫސްގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށް ޓަކައި ޔުނިވާސިޓީގެ ކްލާސްތައް އޮންލައިން ކުރަން ވާހަކަ ދެކެވުނު ނަމަވެސް ނުރައްކަލެއް ނެތްކަމަށް ބުނެ ކްލާސްތައް އޮންލައިން ކުރާކަށް ޔުނިވާސިޓީތަކުން ބޭނުމެއް ނުވިއެވެ.