މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ހެރީ ކޭން ޓޯޓެންހަމްގެ ޕްރެކްޓިހަށް ނުނިކުމޭ

ޖޫން 2، 2019: ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗުގެ ތެރެއިން: މޮޅަށް ކުޅުނު ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ހަ ވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލުން -- ފޮޓޯ/ އޭޕީ

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ހެރީ ކޭން މެންޗެސްޓާ ސިޓީއަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެފައިވަނިކޮށް އޭނާ ޓޮޓެންހަމުގެ ޕްރެކްޓިސްތަކަށް ހާޒިރުނުވާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ކޭން މި ވަގުތު ޓޮޓެންހަމުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އިނގިރޭސިވިލާތުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ކޭން 2011 ވަނަ އަހަރު ޓޮޓެންހަމުގެ ސީނިއާ ޓީމުން ޖާގަ ހޯދި ނަމަވެސް އެކުލަބާ އެކު މިހާތަނަށް ބޮޑު މުބާރާތެއްގެ ތަށި ހޯދިފައެއް ނުވެ އެވެ.

ޔޫރޯގެ ފައިނަލުގައި ޕެނަލްޓީން އިނގިރޭސިވިލާތް ބަލިވުމާ އެކު ޓޮޓެންހަމުން ކޭންއަށް ވަނީ ތިން ހަފުތާގެ ޗުއްޓީއެއް ދީފަ އެވެ. އަދި އެހެންމެ އިއްޔެ އަކީ އޭނާ ޕްރެކްޓިހަށް ނުކުންނަން ޖެހޭ ދުވަހެވެ. ނަމަވެސް ކޭން ޓޮޓެންހަމުގެ ޕްރެކްޓިހުން އަދި ނުފެންނަ އިރު ކޭން ހާޒިރު ނުވި ސަަބަބު އަދި ކުލަބުން ހާމަކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީން ވަނީ މިދިޔަ މަހު ކޭން ގަންނަން 100 މިލިއަން ޕައުންޑު (140 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފަ އެވެ. އެއީ ކުޅުންތެރިންތަކެއް ވެސް ހިމެނޭ ގޮތަށް ހުށަހެޅި ޑީލެކެވެ. އެހެން ނަމަވެސް ޓޮޓެންހަމުން އެ އެއްބަސްވުމަށް ނޫނެކޭ ބުނެ އަނބުރާ ފޮނުވާލީ އެވެ.

ޓޮޓެންހަމާއެކު ކޭންއަށް މިހާތަނަށް ބޮޑު މުބާރާތެއް ކާމިޔާބުނުކުރެވުނު ނަމަވެސް، އޭނާ ވަނީ 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 2014-2015 އަދި މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ކުޅެފައެވެ. އަދި ކޭން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 336 މެޗުގައި ކޭން ވަނީ 221 ލަނޑު ޖަހާފައެވެ.

comment ކޮމެންޓް