ޔޫކޭ ވިސާ އެޕްލިކޭޝަން ދޫކުރާ ވަގުތީ ސެންޓަރެއް ހުޅުވައިފި

ވަގުތީގޮތުން ހުޅުވި ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރު. -- ފޮޓޯ/ފޮރިން މިނިސްޓްރީ

ވަގުތީގޮތުން ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް ރާއްޖޭގައި ހުޅުވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ގާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުން ވިސާ އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާފައި ވަނީ މިއަދުން ފެށިގެންނެވެ.

މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހާ ހަމައަށް ފޮރިން މިނިސްޓްރީ ހުންނަ ފަތުހުﷲ ޖަމީލް ބިލްޑިންގައި މި ސެންޓަރު ގާއިމްކުރެވިފައި ހުންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ފަރާތްތަކުގެ ޑޮކިއުމަންޓްތައް ބަލައިގަތުމާއި، ބަޔޯމެޓްރިކްސް އެންރޯލްމަންޓް ހިދުމަތްވެސް ވިސާ އެޕްލިކޭޝަން ސެންޓަރުން ކުރިއަށްދާނެއެވެ.

ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިނގިރޭސި ވިލާތުން ހުޅުވާފައިވާ ވަގުތީ ވިސާ އެޕްލިކޭޝަން ސެންޓަރުގެ ސަބަބުން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަ ވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ވަކިން ހާއްސަކޮށް މަތީ ތައުލީމަށް އިނގިރޭސިވިލާތަށް ދަތުރުކުރާ ދަރިވަރުންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ގޮތެއް ހަމަޖެހިގެން ދާނެއެވެ.

މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ފޮރިން މިނިސްޓްރީ އިން ފޯރުކޮށްދޭ ކޮންސިއުލާ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް