ފުވައްމުލަކުގެ ސިޓީގެ ބޮޑުބަޔަކުން ފެނާއި ކަރަންޓު ކެނޑިއްޖެއެވެ.
ފުވައްމުލަކު ސިޓީގައި އެއްކޮށް ފެނާއި ކަރަންޓު ނުކެނޑުނު ކަމުގައި ވިޔަސް، 80 ޕަސެންޓް ސަރަހައްދުގެ ފެނާއި ކަރަންޓް ކެނޑިފައިވެއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވީ، އެ ސިޓީގެ ބޮޑު ބައެއްގައި ފެނާއި ކަރަންޓް ކެނޑުނީ މެއިން ޓްރާންސްފޯމާގައި މައްސަލައެއް ޖެހިގެން ކަމަށެވެ.
ރޭ ފަތިހުން ފެށިގެން ފުވައްމުލަކުގައި ފެނާއި ކަރަންޓު ކެނޑިފައި ވާއިރު، އައްޑޫގެ ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރަފީގް ވިދާޅުވިއެވެ.
"އޭތި ގެނެސްގެން ގާތްގަނޑަކަށް 24 ގަޑިއިރުވާނެ ކަމަށް ފެނަކައިން ވިދާޅުވަނީ. ފެނުގެ މައްސަލަ އެއަށްވުރެ ކުރިން ހައްލުވޭތޯ އެބަ އުޅުއްވާ" ރަފީގް ފާހަގަ ކުރެއްވިއެވެ.
މައްސަލަ ހައްލުކުރަން ލަސްވަނީ އައްޑުއިން ޓްރާންސްފޯމަރު ގެންދިއުމަށް މަސައްކަތް ކުރާތީކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެންމެ އަވަހަށް ވެސް އެ މައްސަލަ ހައްލު ކުރެވޭނީ މިރޭ ނޫނީ މާދަމާ ކަމަށް ރަފީގު ލަފާކުރެއްވިއެވެ.
ނަމަވެސް ޓްރާންސްފޯމަރަށް ދިމާވި މައްސަލަ ހައްލު ކުރެވިއްޖެނަމަ އެއަށްވުރެ އަވަހަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބިގެން ދާނެކަމަށް ރަފީގު ވިދާޅުވިއެވެ.
"ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން. ފެނުގެ ކަންތައް ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރާނަން. ދިމާވި ދަތިތަކަށް ވަރަށް ބޮޑަށް މާފަށް އެދެން." ރަފީގް ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ، އައްޑޫއިން ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް ގާތްގަނޑަކަށް 12-10 ގަޑިއިރު ނަގާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.