ޓީސީގެ ކެޕްޓަން އައްޒާމް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު ރޭޑިއަންޓް --- ފޮޓޯ/ އެފްއޭއެމް

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަންކަން ކުރި މުހައްމަދު އައްޒާމް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ އައްޒާމް, 31, ފުޓުބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލިކަން އިއުލާން ކުރީ ރޭ އޭނާ އުފަން ރަށް، ނ. ކެނދިކުޅުދޫގައި އޮތް ފުޓްސަލް މުބާރާތުގެ ތަށި ހޯދުމަށްފަހު އެވެ.

އެ ރަށު ކައުންސިލުން މިނިވަންދުވަހާ ގުޅުވައިގެން ބޭއްވި މި ވާދަވެރި މުބާރާތުގެ ފައިނަލުގައި ކޮމެޓްސް ސްޕޯޓްސް ކުލަބާއި ރޮބިންސިއާ ވާދަކުރި މެޗު ނިމުނީ 1-5 އިން ކޮމެޓްސް ސްޕޯޓްސް ކުލަބް ކާމިޔާބް ކޮށްގެންނެވެ.

އައްޒާމް ބުނީ އޭނާ ފުޓުބޯޅަ ކެރިއަރު ފެށީ، ކޮމެޓްސް ސްޕޯޓްސް ކުލަބުން ކަމަށާއި އަދި ރޭ ލިބުނު ތަށްޓަކީ މިހާތަނަށް އެ ޓީމާއެކު ކުޅެގެން ލިބުނު 10 ވަނަ ތަށި ކަމަށެވެ. އަދި އެއާ އެކު ފުޓުބޯޅައިގައި ކާމިޔާބު ކުރަން ބޭނުންވި ހުރިހާކަމެއް ހާސިލްވީ ކަމަށާއި ރަށު ފެންވަރުގައްޔާއި، އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގެ އިތުރުން ބައިނަލް އަގުވާމީ މައިދާނުގައި ވެސް ދާން ބޭނުންވި އެންމެ އުހަށް ދެވިއްޖެ ކަމަށެވެ.

"ފުޓުބޯޅަ ކެރިއަރުގައި ހާސިލް ކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލް ވެއްޖެ. އަޅުގަނޑުގެ ފުޓުބޯޅަ ކެރިއަރު ފެށި ޓީމާ އެކު ޗެމްޕިއަނެއްގެ ގޮތުގައި ކުޅުން މި ހުއްޓާލީ. އަޅުގަނޑުގެ ކެރިއަރުގައި މިއަދާ ހަމައަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން." އައްޒާމް ބުނެފައިވެ އެވެ.

މިދިޔަ ސީޒަނުގެ ފުރަތަމަ ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އައްޒާމް ވަނީ ޓީސީ ސްޕޯޓްސް ކުލަބް ފުރަތަމަ ޑިވިޝަން އަށް ކޮލިފައިވުމާ އެކު އެކުލަބާ ގުޅި މިއަދާ ހަމައަށް ޓީސީ ދިވެހި ފުޓުބޯޅާގައި ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ރާއްޖޭގެ އޮފީސް މުއައްސަސާތަކުގެ މުބާރާތް (ކުލަބް މޯލްޑިވްސް) އިން ވިދާލި އައްޒާމް ފުރަތަމަ އިން ބޮޑު ފުޓުބޯޅައަށް ނުކުތުމަށް ފަހު ގުޅުނީ މާޒިޔާއާ އެވެ. ނަމަވެސް އެ ކުލަބުގައި މާ ގިނަ ދުވަސް އޭނާ ކުޅެފައެއްނުވެ އެވެ. އޭނާގެ ފުޓުބޯޅައިގެ ހުނަރުވެރިކަން ފެނި ގިނަ ބައެއްްގެ ލޮލުގައި އޭނަގެ ކުޅުން އަޅައިގަތީ ބީޖީ ސްޕޯޓްސް ކުލަބާ ގުޅުނު ހިސާބުންނެވެ.

ކަނާތު ވިންގެއް ގޮތުގައި ބީޖީއަށް ކުޅުނު ނަމަވެސް ނިޒާމްބެގެ ކޯޗު ކަމުގެ ދަށުގައި އޭނާ ވަނީ ކީޕަރުގެ މަގާމު ނޫން އެހެން ހުރިހާ މަގާމަކަށް ޓީސީއަށް ކުޅެފަ އެވެ. ބީޖީގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ އައްޒާމް ޓީސީއާ ގުޅުނީ 2015 ވަނަ އަހަރުގެ ސީޒަނަށެވެ.

ޓީސީ ސްޕޯޓްސް ކުލަބާ އެކު ބަންގާޅުގައި ކުރިއަށް ދިޔަ ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަން ކަން ހޯދުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށް އޭނާ ބުނެފައިވެ އެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވަނީ ގޯލެއް ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

އައްޒާމް ވަނީ ދެފަހަރެއްގެ މަތިން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިގެން ކުޅެފަ އެވެ.

comment ކޮމެންޓް