100،000 ލީޓަރުގެ ޑީސަލާއެކު ތެޔޮ ބާޖެއް ނޫމަރާގެ ފަރަށް އަރައިފި

އެފްއެސްއެމްގެ "މެކުނު" ތެޔޮ ބާޖު ނޫމަރާގެ ހުޅަނގުފަރާތު ފަރަށް އަރާފައި-- ފޮޓޯ/އެމްއެންޑީއެފް

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ އެފްއެސްއެމްގެ "މެކުނު" ތެޔޮ ބާޖު ށ. ނޫމަރާގެ ހުޅަނގުފަރާތު ފަރަށް އަރައިފި އެވެ.

ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ބާޖު ފަރަށް އެރީ މިއަދު ހެނދުނު 6:59 ހާއިރު ށ. ފޯކައިދޫއިން ހދ. ނޭކުރެންދުއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

ފަރަށް އެރިއިރު ބާޖުގައި 100،000 ލީޓަރުގެ ޑީސެލްއާއި 15،000 ލީޓަރުގެ ޕެޓްރޯލް ހުރި ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ. އެހެން ނަމަވެސް ތެޔޮ ލީކުވުމުގެ އެއްވެސް ނިޝާނެއް އަދި ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ބާޖު ފުންކުރުމަށްޓަކައި ބާޖުގެ ވެރިފަރާތުން ދަނީ އެހެން ބޯޓެއްގެ އެހީތެރިކަން ހޯދަމުންނެވެ.

comment ކޮމެންޓް