ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ކިރުވައިގެން ލިބޭ ބިލަށް، މަސް ދޯނިތަކަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް މިއަދު ހަދައިފިއެވެ.
މިފްކޯއިން މި އިންތިޒާމު ހަމަޖައްސައިދީފައި ވަނީ، މިފްކޯއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
މިފްކޯގެ ހެޑު އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަނަސްއާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާނެވެ.
މިފްކޯ އާއި އެފްއެސްއެމްއާ ދެމެދު ގާއިމުކުރެވުނު މި އެއްބަސްވުމުގެ ދަށުން، މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ހިފައިގެން ގޮސް ދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ.

މަސްދޯނިތަކަށް ކްރެޑިޓަށް ތެޔޮ އެޅޭނެ ގޮތް ހަދައިދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން --- ފޮޓޯ/ މިފްކޯ
މިފްކޯއިން ބުނީ، މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިން ކަމަށެވެ. އަދި، މި އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފިޝަރީސް މިނިސްޓްރީން ބުނި ގޮތުގައި، މިހާރު ސަރުކާރުން މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަމުންދާ އުސޫލުގެ ދަށުން، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު ތެޔޮ ދޫކުރާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މަސްވެރިންގެ އެދުމުގެ މަތިން އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ލުއިފަސޭހަކަމާ އެކު ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.