ވިލިމާލޭގެ ރައްޔިތުންގެ ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް މާލޭގައި ހާއްސަ ޕާކިންގް ޒޯނެއް ހަދައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މި ހާއްސަ ޕާކިންގް ޒޯން ހަދާފައިވަނީ މާލޭގެ ހުޅަނގު ފަރާތުން ބޮޑުތަކުރުފާނުމަގުގައި ސުނާމީ ބިނާ މައިޒާން ކުރިމަތިންނެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ޒޯނަކީ ހަތަރު ފުރޮޅުލީ 20 އުޅާނދުގެ ޖާގައާއެކު ހެދި ޒޯނެކެވެ. އެއީ 350 ކިލޯއިން ފަށުގެ ޕިކަޕާއި ކާރާއި ވޭނަށެވެ.
މި ޖާގަތަކުގެ ތެރެއިން 15 ޖާގަ ދޫކުރާނީ ވިލިމާލޭގެ ރަށްވެހިކަމުގެ ރެޖިސްޓްރީ އޮންނަ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ މީހުންނަށެވެ. އަދި ބާކީ ފަސް ޖާގަ ދޫކުރާނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ މީހުންނަށެވެ.
ސިޓީ ކައުންސިލުން ބުނީ މި ޖާގަތައް ދޫކުރަން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި, ޖާގައަށް އެދި ހުށަހަޅާން ޖެހޭނީ ސިޓީއެއް މެދުވެރިކޮށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ކަމަށެވެ. އަދި ހުށަހަޅާ އިރު އައިޑީކާޑު ކޮޕީއަކާއި އުޅާނދުގެ ރަޖިސްޓްރީ ކޮޕީއާއި ރޯދް ވާދިނަސްގެ ލިޔުމާއި އަހަރީ ފީގެ ލިޔުުގެ ކޮޕީ ހުށަހަޅާން ޖެހޭނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުގެ ޕާކިންގް ޒޯނުތަކުން ޖާގަ ދޫކުރާ އަގުތަކަކީ ޓެކްސީ ބޯޑުޖެހި ކާރަށާއި ޕިކަޕުތަކަށް މަހަކު 750 ރުފިޔާ, އަދި އެހެނިހެން އުޅަނދުތަކަށް މަހަކު 1,500 ރުފިޔާއެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތުގައި ވަކި ގޮތެއް ކައުންސިލުން ކަނޑައަޅަންދެން އެ އުޅަނދުތަކުން ޕާކިންގްއަށް ނަގަން ހަމަޖެހިފައިވަނީ މަހަކު 1,000 ރުފިޔާ ކަމަށް ކައުންސިލުން ބުންޏެވެ.
ވިލިމާލެއަކީ އެއްގަމު އުޅަނދުފަހަރު އެރުވުން މަނާ ރަށެކެވެ. އަދި އެރަށުގައި އާންމު ދަތުރުފަތުރަށް ބޭނުންކުރަނީ ބެޓެރީ ސައިކަލާއި ބަގީއާއި ބައިސްކަލު ފަދަ, އިންޖީނު ނާޅާ އުޅަނދުފަހަރެވެ.
މާލެ, ވިލިމާލެ, ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖު އަޅައި, ހަތަރު ރަށް އެއްގަމު ދަތުރުފަތުރުން ގުޅުވާލުމުންވެސް ވިލިމާލެއަށް އުޅަނދުފަހަރު އެރުވުން މަނާވާނެކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.