ބްރިޖަށްފަހު ވެސް ވިލިމާލެއަށް ދަތުރު ކުރަން ޕަބްލިކް ޓްރާންސްޕޯޓު

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ކޮންސެޕްޓް ފޮޓޯ އެއް --

މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖު އެޅި ނަމަވެސް، ވިލިމާލެ އަށް އާންމު ރައްޔިތުން ދަތުރު ކުރުމަށް ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރަން ހިތްވަރު ދޭނެ ކަމަށާއި ވިލިމާލޭގެ އަސްލު ކޮންސެޕްޓަށް ބަދަލު ނުގެންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖާ ގުޅޭ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް އިއްޔެ އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގު ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ ވިލިމާލެ އަށް ވެހިކަލް އެކްސަސް ނުދީ، ވިލިމާލެ މިހާރުވެސް އޮތްގޮތަށް ދެމެހެއްޓުން ކަމަށެވެ.

ޝާނާ ވިދާޅުވީ ފަސިންޖަރުން އަރައި ފައިބަން ހާއްސަ ސަރަހައްދެއް ވިލިމާލޭގެ ބްރިޖު ގުޅޭ ސަރަހައްދުގައި ގާއިމް ކުރާނެ ކަމަށެވެ.

"ޕަބްލިކުގެ ވެހިކަލްސް އެތެރެއަކަށް [ރަށު ތެރެއަށް] ނުވައްދާނެ. ޕަބްލިކް ޓްރާންސްޕޯޓު އެންކަރޭޖު ކުރަން ބޭނުން ވަނީ،" ޝާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިލިމާލެއަކީ މިހާރުވެސް ހާއްސަ ލޭންޑް ޔޫސް ޕްލޭނެއް ހެދިގެން ވަކި ގޮތަކަށް ތަރައްގީ ކުރެވޭ ރަށެއް ކަމަށެވެ.

"މިހާރުވެސް އޮތްގޮތަށް ވިތްއައުޓް ވެހިކަލް އެކްސަސް ވިލިމާލެ އޮންނާނީ،" ޝާނާ ވިދާޅުވި އެވެ.

ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދުން ބްރިޖުގެ މަސައްކަތާ ގުޅޭ ސަރަހައްދު މަސައްކަތް ނިމެންދެން އެއްކޮށް ބަންދު ނުކުރަން ވެސް ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ އެތަން ބޭނުންކުރާ ސާފަރުންނާއި އާންމުގެ ހިޔާލަށްފަހު އެވެ. ނަމަވެސް މަސައްކަތުގެ ޝެޑިއުލަށް ބަލައި މޫދަށް އެރުން ރައްކާތެރި ނޫން ދުވަސްތައް ކުރިއާލާ އާންމު ކުރާނެ އެވެ.

ބްރިޖު ގާއިމް ކުރުމުން މާލެ ސަރަހައްދު ބަސް ދަތުރުން ގުޅާލާނެ އެވެ. ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެހިކަލް ޕާކު ކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމް ކުރާނެ އެވެ. މިހާރު ޕްލޭންގައި އޮތީ 600 ސައިކަލު ޕާކު ކުރާނެ ޖާގަ ހެދުމަށް 1800 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ހާއްސަ ކުރުމަށެވެ.

ޕްލޭނިން މިނިސްޓްރީ އިން އިއްޔެ ހިއްސާކުރި މައުލޫމާތަށް ބަލާއިރު ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގައި ކޮންމެ ކޮޅަކަށް ދުއްވުމަށް 11 ފޫޓު ފުޅާ ދެ ލޭނު އޮންނާނެ އެވެ. ހިނގާ މީހުންނަށް ހާއްސަކޮށް އެއްގަމާވީ ފަރާތުން ތިން މީޓަރުގެ ފުޅާ ލޭނެއް ގާއިމް ކުރާނެ އެވެ. ބްރިޖުގެ މެދުގައި ލައިޓު ހަރުކޮށް ސޯލާ އިން ދިއްލޭނެ ގޮތް ހަދާނެ އެވެ. ބްރިޖުގެ ކަނޑާވީ ފަރާތުގެ ލޭން ހާއްސަ ކުރަނީ ފެނާއި ނަރުދަމާ އަދި ކަރަންޓާއި މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް ހާއްސަކޮށް، ޔުޓިލިޓީ ކޮރިޑޯ އަކަށެވެ.

ގާތްގަނޑަކަށް 6.7 ކިލޯ މީޓަރުގެ މި ބްރިޖުން މާލެ، ވިލިމާލެ ގުޅިފަޅު އަދި ތިލަފުށި ގުޅާލާއިރު، ބްރިޖުގެ މަސައްކަތަށް ވިލިމާލެ އަދި ތިލަފުށިން ބިން ހިއްކާނެ އެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ ނެވިގޭޝަން ބްރިޖެކެވެ.

މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ.

ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެ އެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ޕްލޭނިން އިން ބުނީ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. ބްރިޖުގެ މަސައްކަތް ނިންމާލަން 33 މަސް ކަނޑައަޅާފައިވެ އެވެ. މި މަޝްރޫއުގެ މަސައްކަތުގައި 1000 ލޭބަރުން ބައިވެރިވާނެ އެވެ.

މަސައްކަތުގެ ކޮންސްޓްރަކްޝަން ސައިޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭ ސިނާއީ ސަރަހައްދުން ބަޔަކާއި ގުޅީފަޅުން ބަޔެކެވެ.

މާލެ، ވިލިމާލެ ތިލަފުށި ގުޅުވާލާ ބުރިޖުގެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ފަހުންނެވެ. ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެ އެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓުގެ ގޮތުގައި ހަރަކާތްތެރި ވަނީ އެމްއެސް އަރޫޕް ލިމިޓެޑެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރު) އަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީ ތަކުން މިހާރު އެޕްރޫވަލް ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް