ތޫނިސްގެ ކުރީގެ ބޮޑުވަޒީރަށް ރިޔާސީ ގަނޑުވަރު ތެރޭގައި ހަމަލާ ދިން ކަމަށް ތުހުމަތުކޮށްފި

ތޫނިސްގެ ކުރީގެ ބޮޑުވަޒީރު ހިޝާމް މަޝީޝީ (ވ) އާއި ރައީސް ގައިސް ސައީދު -- ފޮޓޯ: އޭއެފްޕީ

ތޫނިސް (ޖުލައި 29): ތޫނިސްގެ ކުރީގެ ބޮޑުވަޒީރު ހިޝާމް މަޝީޝީ މަގާމުން ދުރު ކުރުމުގެ ކުރިން، މިދިޔަ އާދީއްތަ ދުވަހުގެ ރޭ އޭނާއަށް އެގައުމުގެ ރިޔާސީ ގަނޑުވަރު ތެރޭގައި ހަމަލާ ދިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މިޑްލް އީސްޓް އައި (އެމްއީއީ) ނޫހުން ރިޕޯޓުކޮށްފިއެވެ.

ނަން ހާމަކޮށްފައި ނުވާ، މަޝީޝީއާ ގުޅުން ހުރި މަސްދަރުތަކާ ހަވާލާދީ އެމްއީއީ ނޫހުން ރިޕޯޓު ކުރި ގޮތުގައި ގަނޑުވަރު ތެރޭގައި މަޝީޝީގެ ހަށިކޮޅުގައި ތަޅާފައި ވުމުން އޭނާއަށް އަނިޔާތަކެއް ލިބިފައިވެއެވެ. ނަމަވެސް މަޝީޝީ މަގާމުން ދުރު ކުރި ފަހުން އޭނާ އަދި ފެނިފައި ނުވާތީ އަނިޔާތައް ލިބިފައިވާކަން ޔަގީން ނުވެއެވެ.

އެމްއީއީގައިވާ ގޮތުން މަޝީޝީ އިސްތިއުފާ ދެއްވަން މީގެ ކުރިން ރައީސް ގައިސް ސައީދު އޭނާއަށް އެންގެވި އެވެ. ނަމަވެސް މަޝީޝީ އެކަމަށް ދެކޮޅު ހެއްދެވުމުން އާދިއްތަ ދުވަހުގެ ރޭ އޭނާ ރިޔާސީ ގަނޑުވަރަށް ހާޒިރު ކުރީ އެވެ. އަދި މަޝީޝީއަށް ބަޔަކު ހަމަލާ ދިން ވަގުތު ގަނޑުވަރުގައި "ބޭރުގެ" ބަޔަކުވެސް ތިއްބެވެ.

އެމްއީއީއަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އެނޫހުގައިވާ ގޮތުން އެމީހުންނަކީ މިސްރުގެ ސަލާމަތީ އޮފިޝަލުންތަކެކެވެ. އަދި މަޝީޝީ މަގާމުން ދުރު ކުރުމުގެ ކުރިންނާއި ފަހުންވެސް އެ އޮފިޝަލުން ވަނީ ސައީދަށް ލަފާ ދެއްވާފައެވެ. ނަމަވެސް މަޝީޝީ ގަނޑުވަރަށް ހާޒިރުކޮށް، ސުވާލު ކުރުމުގައި އެމީހުން އަދާ ކުރި ރޯލެއް ނޭނގޭ ކަމަށްވެސް އެ ނޫހުން ހާމަ ކުރިއެވެ.

މީގެ ކުރިން މިދިޔަ މެއި މަހު އެމްއީއީއިން ވަނީ ސައީދުގެ އެންމެ އަރިސް މުޝީރުން އެކުލަވާލެއްވި "ސިއްރު އެކްޝަން ޕްލޭނެއް" އާއްމުކޮށްފައެވެ. އެ ޕްލޭނުގައި ވަނީ ސައީދު "ގައުމީ ކުއްލި ހާލަތެއް" އިއުލާން ކުރައްވާ، "ދައުލަތުގެ ހުރިހާ ބާރެއް ރައީސަށް ނެންގެވޭނެ" ގޮތް ހެދުމަށް ލަފާ ދީފައެވެ. އަދި އެ ހާލަތު އިއުލާން ކުރާނީ އިދިކޮޅު ފަރާތްތައް ރިޔާސީ ގަނޑުވަރަށް ހާޒިރުކޮށް، އެމީހުންނަށް ގަނޑުވަރުން ބޭރަށް ނުދެވޭ ގޮތް ހެދުމަށް ފަހު ކަމަށް އެ ޕްލޭނުގައިވާ ކަމަށް އެމްއީއީން ބުންޏެވެ.

އެ ރޭވުން އާއްމު ކުރުމުން، އެފަދަ ރޭވުމެއް އެކުލަވާލާފައި ނުވާނެ ކަމަށް ތޫނިސްގެ ރައީސް އޮފީހުން ފުރަތަމަ ބުންޏެވެ. ނަމަވެސް ފަހުން ސައީދު ވަނީ އެ އެކްޝަން ޕްލޭނާ ބެހޭ ގޮތުން އެނގިލައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެހެން މީހުން ދޭ ލަފަޔެއްގެ ޒިންމާ އޭނާ ނަންގަވަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވި މަޝީޝީ މަގާމުން ދުރު ކުރީ އޭނާ އާއި އޭނާ ނިސްބަތްވާ ނަހްޒާ ޕާޓީއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބޭއްވި ފަހުންނެވެ. އެ މުޒާހަރާތަކުގެ ބައިވެރިން ވަނީ ވެރިކަން ކުރާ ޕާޓީއަށް ގައުމުގެ އިގުތިސާދު ރަނގަޅަށް ނުބެލެހެއްޓޭ ކަމަށާއި ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ކަމަށް ބުނެފައެވެ. އަދި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލް ނުކުރެވުމާ ބެހޭ ގޮތުންވެސް ރުޅިގަދަވެފައިވާ ކަމަށް ބުނެފައެވެ.

އެ މުޒާހަރާތަކަށް ފަހު ރައީސް ސައީދު ވަނީ ތޫނިސްގައި "އިޖުތިމާއީ ސުލްހަ" ގާއިމުކުރެވެންދެން ބޮޑުވަޒީރު މަގާމުން ދުރުކޮށް، ޕާލަމެންޓު ސަސްޕެންޑު ކުރައްވާފައެވެ. އަދި އޭނާ އާ ބޮޑުވަޒީރަކާ އެކު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މަޝީޝީ މަގާމުން ދުރު ކުރި ފަހުން މިދިޔަ ހޯމަ ދުވަހު އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ ތޫނިސްގެ މައްސަލަ އިތުރަށް ގޯސްކުރުމުގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޮޑުވަޒީރު ކަމަށް ދެން އައްޔަން ކުރާ ފަރާތަކަށް މަގާމުގެ ޒިންމާތައް ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޝީޝީ މަގާމުން ދުރު ކުރުމުން ތޫނިސްގެ ގިނަ އަދަދެއްގެ މީހުން މަގުތަކަށް އެއްވެ އުފާ ފާޅު ކުރިއެވެ. ނަމަވެސް ރައީސާ އިދިކޮޅު ފަރާތްތަކުން ވަނީ އެއީ ބަޣާވާތެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެގޮތުން ޕާލިމެންޓުގެ ރައީސް ރާޝިދުލްޣައްނޫޝީ ވަނީ އެކަކަށް ހުރިހާ ބާރުތައް ދިނުމާ އޭނާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އަދި ސައީދުގެ ނިންމެވުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ގޮވާލައްވާފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ތޫނިސްގެ ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް ފަހު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ސައީދާއި މަޝީޝީއާ ދެމެދުގައި މީގެ ކުރިންވެސް ސިޔާސީ ކޯޅުންތައް އުފެދިފައިވެއެވެ. އަދި އޭގެ ސަބަބުން މިނިސްޓްރީތަކަށް މީހުން އައްޔަން ކުރުމާއި އިގުތިސާދީ އަދި އިޖުތިމާއި މައްސަލަތައް ހައްލު ކުރުމަށް ހުރަސް އެޅިފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް