ކޮވިޝީލްޑް ޖެހި މީހުންނަށް ދެވަނަ ޑޯޒަކަށް އެސްޓްރާޒެނެކާ ޖެހޭނެ: އެޗްއީއޯސީ

ވެކްސިން ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެކަން ހެލްތު އިމަޖެންސީ އޮޕަރެޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރަސްމީކޮށް ބުނެފިއެވެ.

މިއަދު ބޭއްވި އެޗްއީއޯސީގެ ނޫސް ކޮންފެރެންސްއެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވިއަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ގަބޫލުކުރާ ގޮތުގައި އެ ދެ ވެކްސިނަކީ އެއްކަހަލަ ވެކްސިން އެއްކަމަށާއި އަދި ހަމައެކަނި ތަފާތަކީ އެ ވެކްސިން އުފެއްދި ތަންކަމަށެވެ. އެހެންކަމުން ފުރަތަމަ ޑޯޒްއަށް ކޮވިޝީލްޑް ޖެހި މީހުން ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާވެސް ޖެހޭނެކަމަށެވެ.

"ކޮވިޝީލްޑް އާއި އެކްސްޓްރާޒެނެކާ ވެކްސިންއަކީ އެއް ވެކްސިންއެއް. ހަމައެކަނި އުފައްދާ ތަން ތަފާތުވަނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެކްސްޓްރާޒެނެކާގެ ތިންލައްކައަށްވުރެ ގިނަ ޑޯޒްގެ ވެކްސިންގެ ޝިމްޕްމެންޓްއެއް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ. އެ ޝިޕްމެންޓަކީ އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުނީގެ އަތުން ރާއްޖޭގެ ސަރުކާރުން ގަތް 500،000 ޑޯޒް ގެ ތެރެއިން އެއް ޝިޕްމެންޓެވެ.

ކޮވިޝީލްޑް ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓްރާޒެނެކާގެ އާ ޝިޕްމެންޓެއް ލިބުމާއެކު، އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 ޕަސަންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން މިހާރު ވަނީ ވަރުގަދަ ވެކްސިން ކެމްޕޭނެއް ފަށާފައެވެ. އެ ކެމްޕޭން މިހާރު ރަށްރަށުގައި ފަށާފައިވާއިރު މާލެ ސަރަހައްދުގައި އެ ކެމްޕޭން ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ އުފެއްދުމަށްކަމުގައިވާ އެ ވެކްސިން، ލައިސެންސްގެ ދަށުން އިންޑިއާގެ ސެރަމް އިންސްޓިޓިއުޓްއިންވެސް ދަނީ ކޮވިޝީލްޑްގެ ނަމުގައި އުފައްދަމުންނެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ލިބުނީ ކޮވިޝީލްޑްގެ 200،000 ވެކްސިން ޑޯޒެވެ. އެއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިން ޝިޕްމެންޓްކެވެ.

comment ކޮމެންޓް