ވެކްސިން ނުޖަހާ ކުވޭތު ރައްޔިތުން ގައުމުން ބޭރަށް ފުރުން މަނާކޮށްފި

ކުވޭތުން ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެގައުމުން ބޭރަށް ފުރައިގެން ދެވޭނީ ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ކުވޭތު ސިޓީ (ޖުލައި 28): ކުވޭތުގެ ރައްޔިތުންގެ ތެރެއިން، އަންނަ އާދިއްތަ ދުވަހުން ފެށިގެން ގައުމުން ބޭރަށް ފުރައިގެން ދެވޭނީ ކޮވިޑް-19 ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް އެގައުމުން ބުނެފިއެވެ.

ކުވޭތުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން ބޭރަށް ދިޔުމުގެ ކުރިން ކޮވިޑް ވެކްސިން ޖެހުމުން އިސްތިސްނާ ވާނީ ހަމައެކަނި 16 އަހަރުން ދަށުގެ ކުދިންނާއި ސިއްހީ ސަބަބުތަކާ ހެދި ވެކްސިން ނުޖެހޭނެ ކަމަށް ބުނާ ހެލްތު މިނިސްޓްރީގެ ލިޔުމެއް އޮންނަ މީހުންނާއި މާބަނޑު އަންހެނުންނެވެ. އަދި އެހެން އެންމެންނަށް ފުރައިގެން ދެވޭނީ ވެކްސިން ޖަހާފައިވާ ކަމުގެ ހެކި ދެއްކުމުންނެވެ.

މީގެ ކުރިން ކުވޭތުން ވަނީ ކޮވިޑް ވެކްސިން ޖަހާފައިވާ ބޭރު މީހުންނަށް، ޒަރޫރީ ނޫން ބޭނުންތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އެގައުމަށް ދެވޭނެ ކަމަށް ބުނެފަ އެވެ. އެގޮތަށް އެގައުމަށް ދަތުރު ކުރާ މީހުންނަށް ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުން ވާނެ އެވެ. އަދި ހަތް ދުވަހަށް ކަރަންޓީނުވުމަށް ފަހު އިތުރު ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

ކުވޭތުން މިހާތަނަށް 394،538 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު އޭގެ ތެރެއިން 378،810 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ 2،298 މީހުންނެވެ.

ކުވޭތުގެ އާބާދީގެ 34.5 ޕަސެންޓު މީހުން މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައިވާ އިރު ދެ ޑޯޒް ޖަހާފައި ވަނީ 21.9 ޕަސެންޓު މީހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް