ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގެ ދަށުން ދައުވާ ކުރި ފުރަތަމަ މީހާގެ ދައުވާ ސާބިތުވެއްޖެ

ހޮންކޮންގައި އަމަނާ ބެހޭ ގާނޫނުގެ ދަށުން ދައުވާ ކުރި ފުރަތަމަ މީހާ ކަމަށްވާ ޓޮންގް ޔިންގް-ކިޓްގެ މައްޗަށް ދެ ދައުވާއެއް ވަނީ ސާބިތުވެފަ -- ފޮޓޯ: އޭއެފްޕީ

ހޮންކޮންގް (ޖުލައި 27): ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގެ ދަށުން ފުރަތަމަ ދައުވާ ކުރި މީހާގެ މައްޗަށް އެ ދައުވާތައް ސާބިތުވެއްޖެއެވެ.

ޗައިނާއިން މިދިޔަ އަހަރު ފާސް ކުރި ހޮންކޮންގެ އަމަނާ ބެހޭ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ ކުރީ ޓޮންގް ޔިންގް-ކިޓް ކިޔާ 24 އަހަރުގެ މީހެއްގެ މައްޗަށެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު އޭނާގެ ސައިކަލުން ހަތަރު ފުލުހެއްގެ ގައިގައި ޖެއްސި މައްސަލައިގައެވެ. އޭރު އޭނާގެ ސައިކަލުގައި ހުރީ "ހޮންކޮންގް މިނިވަން ކުރޭ، އަހަރެމެންގެ އިންގިލާބު" ލިޔެފައިވާ ދިދައެއް ހަރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އަމަނާ ބެހޭ ގާނޫނުގެ ދަށުން ޓޮންގްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާކޮށްފައެވެ. އަދި އޭނާގެ ސައިކަލުގައި ހަރުކޮށްފައި ހުރި ދިދައިގައި ލިޔެފައިވާ ސްލޯގަންގެ ސަބަބުން އޭނާގެ މައްޗަށް ވަނީ ވަކިވެގަތުމަށް ނުވަތަ ބައިބައިކުރުމަށް ހިތްވަރު ދިނުމުގެ ދައުވާކޮށްފަ އެވެ. އެއީ މިހާރު ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި އޮތް ހޮންކޮން އެގައުމުން ވަކިވެގަތުމަށް ހިތްވަރު ދިނުމެވެ.

އެ މައްސަލަ ބެއްލެވީ އަމަނާ ބެހޭ ގާނޫނުގެ މައްސަލަތައް ބަލަން ހޮންކޮންގެ ލީޑަރު ކެރީ ލާމް ހިޔާރު ކުރައްވާފައިވާ ތިން ފަނޑިޔާރެކެވެ. އަދި ކޯޓުގެ ނިންމުން އިއުލާން ކުރައްވަމުން ފަނޑިޔާރުން ވިދާޅުވީ ޓޮންގްގެ ދިދައިގައި ލިޔެފައިވާ ސްލޯގަންއިން ވަކިވެގަތުމަށް ހިތްވަރުދެވޭ ކަމަށެވެ.

މީގެ އިތުރުން ޓޮންގްގެ "ސިޔާސީ އެޖެންޑާއެއް" އޮތް ކަމަށާއި އޭނާގެ އަމަލުތަކުގެ ސަބަބުން މުޖުތަމައަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ފަނޑިޔާރުން ވިދާޅުވިއެވެ.

އެހެންކަމުން ޓޮންގްގެ މައްޗަށް ދެ ދައުވާވެސް ސާބިތުވުމުން އޭނާގެ މައްޗަށް އަންނަ ބުރާސްފަތި ދުވަހު ހުކުމް ކުރަން ވަނީ ނިންމާފައެވެ.

ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނުގައި ވަނީ ޗައިނާއިން ހޮންކޮންގް ވަކި ކުރުމާއި މައި ސަރުކާރުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމާއި ބޭރުގެ ބާރުތަކާއެކު ސިއްރިއްޔާތުގައި މަސައްކަތް ކުރުމާއިި ޓެރަރިޒަމްގެ އަމަލުތައް މަނާކޮށްފައެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އިންތިހާބުތަކުގައި ވާދަކުރުން މަނާކޮށް، އުމުރަށް ޖަލަށް ލެވިދާނެއެވެ.

އެ ގާނޫނުގެ ދަށުން ހޮންކޮންގެ ފުލުހުން މިހާތަނަށް 138 މީހަކު ހައްޔަރުކޮށް، 76 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ.

comment ކޮމެންޓް