ސަރުކާރުގައި ހަރުކަށި ފިކުރެއް ނެތް، އެހެންކިޔަނީ ވެރިކަމަށް އަންނަން: މައުމޫން

ނޮވެމްބަރ 23، 2019: ރައީސް މައުމޫންއާއި ރައީސް ސޯލިހް -- ސަން ފަޔާޒު މޫސާ

މިހާރު ވެރިކަމުގައި މި އޮތް ކޯލިޝަން ސަރުކާރުގެ ތެރޭގައި ހަރުކަށި ފިކުރެއް ނެތްކަމަށާއި އެގޮތަށް ދެކޭ ބަޔަކު ވިއްޔާ އެއީ ވެރިކަމަށް އަންނަން ބޭނުންވެގެން މަސައްކަތްކުރާ ބައެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު މި އޮތް ސަރުކާރުގައި ހަރުކަށި ފިކުރު އޮތް ކަމަށް އެމަނިކުފާނު އެއްވެސް ގޮތަކަށް ގަބޫލުފުޅުނުކުރައްވާކަމަށެވެ. އަދި ސަރުކާރު އޮތީ ހަރުކަށި ފިކުރުގެ ދަށުވެފައި، ތާށިވެފައިކަމަށްވެސް ގަބޫލުފުޅުނުކުރައްވާކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެގޮތަށް ސަރުކާރާއި ދޭތެރޭ ބުނާ ބުނުމަކީ ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ މަސްރަހުގައި ކަންކަން އޮންނަ ގޮތްކަމަށްވެސް ރައީސް މައުމޫން ސިފަކުރެއްވިއެވެ.

އެހެން އެ ބުނާ ބައެއްގެ އެހެން މަގްސަދުތަކެއް އޮތްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެ ބައެއްގެ އެ މަގްސަދުތަކަކީ ވެރިކަމަށް އައުންކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

"ސިޔާސީ ވާދަވެރިކަން މި އޮންނަ ގޮތުން، ދެން ސަރުކާރަށް ތާއިދުކުރާ މީހުން ދައްކާނީ ސަރުކާރުގެ ރަނގަޅު ވާހަކަ، ސަރުކާރަށް ތާއިދު ނުކުރާ މީހުން އެބަޔަކު ސަރުކާރަށް އަންނަން ބޭނުންވާ މީހުން ތި ހުރިހާބައެއް މާނަކުރާނީ އެގޮތަށް،"

"ސަރުކާރު މިއޮތީ މިހެނިހެން ދެއްތޯ. އެހެންވީމާ ހަމަ ހެދުނު ދޮގެއް ހަދައިގެން ދެކެވުނު ވާހަކައެއް ދައްކައިގެން، އެގޮތަށް ދެކެވޭ ވާހަކަ އެއީ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ އިިންޓަވިއުގައި އެމަނިކުފާނު މިހެންވިދާޅުވިއިރު، ރައީސް މައުމޫން ހިމެނޭ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރީ ހަރުކަށި ފިކުރުގެ ދަށުވެފައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އަދި އެ މައްސަލައިގައި ރައީސް ސޯލިހު ނިސްބަތްވާ އެމްޑީޕީގެ ރައީސް، ނަޝީދު ވަނީ އިތުރަށް ދެން ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ނުހުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

"ނަފްރަތުގެ ބިލުގެ ސުރުހީ ވަރަށް ރީތި، އެކަމަކު އެއަށް ރާއްޖޭގައި އަމަލެއް ނުކުރެވޭނެ"

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް މިހާރު އުފެދިފައިވާއިރު، އެ ބައިބައިވުންތަކުގެ އެންމެ ބޮޑު އެއް ނުކުތާއަކީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތު އުފެއްދުމުގެ އަމަލު މަނާކުރާ ބިލެވެ.

އެ ބިލާ ބެހޭ ގޮތުންވެސް ރައީސް މައުމޫން ވަނީ އިންޓަވިއުގައި ވާހަކަފުޅުދައްކަވާފައެވެ. ރައީސް މައުމޫން ވިދާޅުވިގޮތުގައި އެމަނިކުފާނަށް އެ ބިލުގެ ނަން ބަލާލަން ރީއްޗެވެ. އެހެންނަމަވެސް އެއީ އިސްލާމީ މުޖުތަމައުއެއްގައި އަމަލު ނުކުރެވޭނެ ބިލެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"އޭގެ ސުރުހީއަށް ބަލައިލާއިރު ވަރަށް ރީތި، ނަފްރަތުގެ އަމަލު މަނާކުރުން، ވަރަށް ރީތި އިނގޭތޯ، ވަރަށް ހަމަޖޭ. އެކަމަކު އެ ބިލުގަ ހުރި މާއްދާތަކަށް ބަލާލާއިރުގަ އަޅުގަނޑުމެން ކަހަލަ އިސްލާމީ ގައުމެއްގައި އެއަކަށް އަމަލެއް ނުކުރެވޭނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވިގޮތުގައި އެ ބިލުގެ ސަބަބުން ދީނާ ހިލާފް ކަންކަން ކުރާ މީހާއާއި ދެކޮޅަށް ބަސްބުނާ މީހާއަށް ޖިނާއީ ނިޒާމުގެ ތެރެއިން އަދަބު ދެވޭ ދިނުން އެއީ އިސްލާމީ ގައުމެއްގައި ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަދި އެ ބިލަށް އެމަނިކުފާނު އެއްވެސް ގޮތަކަށް ތާއިދުނުކުރައްވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

comment ކޮމެންޓް